ދުނިޔޭގައި ފެތެރެމުންދާ ކޮވިޑް19 ވައިރަހަށް ފުރަތަމަ ފަހަރަށް ރާއްޖޭގައި މީހަކު ޓެސްޓްކޮށްފި އެވެ.
ހެލްތް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ ނިއުމޯނިއާ އާއި އަރިދަފުސް ރޯގާ ޖެހި ސީރިއަސް ހާލަތަކަށްދާ މީހުން ކޮވިޑް19 އަށް ޓެސްޓް ކުރަން ފަށާފައިވާ ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓެސްޓު ކުރެވުނު މީހާގެ ހުރިހާ ތަހުލީލުތަކެއް ހަނދާފައިވަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ. އަދި އެމީހާގެ ނަތީޖާ ކޮވިޑް19 ވައިރަހަށް ނެގަޓިވް ކަމަށް މިނިސްޓްރީން ބުނެއެވެ.
ކޮވިޑް19 އަށް ރާއްޖޭގައި ޓެސްޓް ކުރެވޭ ގޮތް ހެދުނީ މިފަހުންނެވެ.
ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާގައި 85،000 އަށް ވުރެ ގިނަ މީހުންގެ ގައިން ވައިރަސް ފެނި އަދި 2،900 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ މަރުވެފަ އެވެ.
ރާއްޖޭގައި، ކޮރޯނާވައިރަހަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހުނީ އެކަމަށް ބޭނުންވާ ކިޓުތައް ޑަބްލިއުއެޗްއޯ އިން ހަދިޔާކުރުމާ ގުޅިގެންނެވެ.
ޑަބްލިއުއެޗްއޯ އިން ވަނީ، ކޮވިޑް ވައިރަހަށް ޓެސްޓު ކުރުމަށް ބޭނުންވާ 10 ކިޓާއި ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމެންޓް (ޕެޕް) ރާއްޖެ އަށް ހަދިޔާކޮށްފަ އެވެ. އެ ކިޓްތައް ބޭނުންކޮށްގެން 1،000 މީހުން ޓެސްޓުކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެ އެވެ.
ކޮވިޑް19ގެ ހާލަތު ދަނީ ވަރަށް ރަނގަޅަށް މޮނީޓާ ކުރަމުން ކަމަށާއި ރާއްޖެއަށް ބަލި އަތުވެދާނެތީ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

