ކޮރޯނޯވައިރަސްއާ ގުޅިގެން ޚަރަދު ކުޑަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މިނިސްޓަރުންގެ މުސާރަ ކުޑަކުރަން ޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ސަންގު ނޫހާ ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ މުސާރަ ކުޑަ ކުރަންޖެހޭ ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ ކުންފުނިތަކުގެ އިސް ވެރިން ހިމެނޭ ކަމަށެވެ. ނަމަވެސް މަދު މުސާރަ ލިބޭ އާންމު މުވައްޒަފުންގެ މުސާރަ ކުޑަ ކޮއްގެން ނުވާނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށްވެސް ބޮޑެތި ގެއްލުންތައް ވަމުން އަންނަ ކަމަށެވެ. އެހެންވެ ޚަރަދު ކުޑަކުރުމުގެ ގޮތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ މުސާރަކުޑަކުރުމުގެ މަޝްވަރާތައް، ޕީޖީ ގްރޫޕްގައި ވަރަށް ފުޅާކޮށް ކުރަމުން އަންނަ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ ކުރީ ސަރުކާރުން ހުޅުމާލެއަށް އެކަނިވެސް 11 ބިލިޔަން ރުފިޔާގެ ލޯނެއް ޗައިނާއިން ނަގާފައިވާ ކަމަށެވެ. އަދި މި ލޯނުގެ ސޮވެރިންގ ގެރެންޓީއެއްގެ ގޮތުގައި އޮތީ އެޗްޑީސީ ކަމަށާއި، އެ ދަރަނިތަކުގެ ޒިންމާ ނަގަންޖެހިފައި މިއަދު މި އޮތީ ދިވެހިރައްޔިތުން ކަމަށެވެ.
ލޯންތަކުގެ ސަބަބަން ރާއްޖެ އޮތީ އިގްތިސާދީ ގޮތުން ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އަދި މިހާރު މުޅިއަށް ދުނިޔެއަށްވެސް ދިމާވެގެން ކޮރޯނާ ވައިރަސްގެ ކަންތަކުގައި، ރާއްޖޭގެ އިޤްތިޞާދަށް ދިމާވާ ގޮންޖެހުންތަކުން ސަލާމަތް ވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެ އަންނަން އޮތް އެތައް ޕެސެންޖަރ ލައިނެއް ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި އެތައް ފަތުރުވެރިންނެއްގެ ބުކިންތަކެއް ކެންސަލްވެއްޖެ ކަމަށާއި، މި ކަމުގެ ސަބަބުން އިގްތިސާދަށް އަންނާނެ ލޮޅުމަކުން ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.
މިވަގުތަކީ މަޖިލީހާއި ސަރުކާރުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ނަމޫނާ ދައްކަވަންވީ ވަގުތު ކަމަށާއި އެ މަސައްކަތް ކުރެއްވުމުގައި ރައްޔިތުންނާއެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ތިއްބަވާނެ ކަމަށް ވިދާޅުވިއެވެ.
ކޮރޯނާވައިރަސް ފެތުރޭތީ ދައުލަތުގެ ހަރަދު ކުޑަކުރަން ފިނޭންސް މިނިސްޓްރީން ފެބްރުއަރީ ފަހެއްގައި ސާކިއުލާއެއް ވަނީ ނެރެފަ އެވެ. އެ ސާކިއުލާގައި ބުނެފައިވާ ގޮތުގައި ކޮރޯނާވައިރަސްއާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ނޭދެވޭ އަސަރުކުރަމުން ދާތީ އޭގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ވެސް ކުރުން އެކަށީގެން ވެ އެވެ.

