ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިއެރުން ލިބޭތަން ފެންނަން ފަށާފައިވާ ކަމަށާއި، މިއީ އެތައް ޒަމާނަކަށް ދެމިގެންދާނެ ތަރައްގީއެއް ކަމަށް ހެލްތް މިނިސްޓަރު އަމީން ވިދާޅުވެއްޖެއެވެ.
ހެލްތްގެ 20 ޕްރޮޖެކްޓެއް ލާމަރުކަޒީކޮށް ކައުންސިލްތަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަމީން ވިދާޅުވީ މިސަރުކާރުން ވެރިކަމަށް އައިއިރު ސިއްހީ ނިޒާމް އޮތީ ވަރަށް ބޮޑު ގޮންޖެހުންތަކެއްގެ ތެރޭގައި ކަމަށެވެ. އެހެން ނަމަވެސް، އެ އަޑިގަނޑުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތުގެ ”ފޮނި މީރުކަން“ ފެންނަން ފަށާފައިވާ ކަމަށެވެ.
ލާމަރުކަޒީ ނިޒާމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ މިއީ ގައުމުގެ ތަރައްގީގެ މުސްތަގުބަލު ކަމަށެވެ. އަދި ނިޒާމުގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދެވޭނީ އެ ބަޔަކު އަދާކުރަންޖެހޭ ދައުރެއް އަދާ ކުރުމަށްޓާ ފުރުސަތު ދީގެން ކަމަށް އަމީން ވިދާޅުވިއެވެ. އެ ފުރުސަތު ސަރުކާރުން ފަހިކޮށްދޭނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
ކައުންސިލްތަކާއި، ހޮސްޕިޓަލުތައް އަދި ކަމާއި ބެހޭ ކޮންމެ މުވައްސަސާއެއްވެސް ގުޅިގެން މަސައްކަތް ކުރުމަށް އަމީން އިލްތިމާސް ކުރެވިއެވެ. ރާއްޖެ މިއަދު ދެކެމުން މިދަނީ ތަރައްގީއާއި ކުރިއެެރުންގެ ފެށުންގެ ގޮތުގައި ފާހަގަ ކުރައްވާ އަމީން ވިދާޅުވީ ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި ސިއްހީ ދާއިރާއަށް ލިބިފައިނުވާވަރުގެ ކުރިއެރުމެއް މި ސަރުކާރުން ގެނެސްދޭނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރާ މަސައްކަތްތަކުގެ ސަބަބުން އޭގެ މަންފާ ކުރާނީ ރާއްޖޭގެ މުސްތަގުބަލަށް ކަމަށް އަމީން ވިދާޅުވިއެވެ. ފުރަތަމަ އަހަރުގެ ތެރޭގައި ކުރި މަސައްކަތްތުގެ ނަތީޖާ މިއަދު ފެންނަން ފަށާފައިވާއިރު އެދުމަކީ ކޮންމެ ރައްޔިތަކުވެސް ސަރުކާރުގެ މަސައްކަތް ކާމިޔާބުކުރުމަށްޓަކާ އެއްބާރުލުން ދިނުން ކަމަށް އަމީން ވިދާޅުވިއެވެ. ސަރުކާރުގެ ސިއްހީ ސިޔާސަތުތައް ފުރިހަމަ ކުރެއްވިއްޖެނަމަ އެއީ އެތައް ރައްޔިިތުންނަކަށް ލިބިގެންދާ ލުޔެއްގެ ގޮތުގައި އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަކީ ރާއްޖޭގެ ރަށްތަކުގެ ތަަރައްގީއާއި ދޭތެރޭ ވިސްނަވާ ވެރިއެއް ކަމަށެވެ. ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑެތި އިސްހާލުތަކެއް ގެންނަންޖެހިފައިވާކަން ފާހަގަކުރައްވާ އަމީން ވިދާޅުވީ ދުނިޔޭގެ ސިއްހީ ދާއިރާއަށް އެ އަންނަ ކުރިއެެރުންތައް މި ގައުމުން ވެސް ފެންނަން ޖެހޭ ކަމަށެވެ. އެއާއި އެކު، ރަށްތަކުގައި ހުރި މައްސަލަތައް ހައްލު ކުރުމަށްޓަކާ ހަމައެކަނި ބޭނުންވަނީ ޒަމާނީ ވަސީލަތްތަކެއް ނޫން ކަމަށާއި އެއާއި އެއްވަރަށް އިންސާނީ ވަސީލަތްތައް ވެސް ބޭނުންވާ ކަމަށެވެ. އެއީ ހިދުމަތުގެ ފެންވަރު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދެވިގެން ހާސިލްވާނެ ކުރިއެރުންތަކެއްގެ ގޮތުގައި އަމީން ވިދާޅުވިއެވެ.
”މިއަދަކީ ރާއްޖޭގެ ކައުންސިލްތައް އުފެދި ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް ހަވާލުކުރެވި ކައުންސިލްތަކަށް އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ހަގީގީ ބާރުވެރިކަން ލިބޭ ދުވަހެއް. ސިއްހީ ދާއިރާ ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރާނީ ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން ރާއްޖޭގެ ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް“ އަމީން
ސަރުކާރުގެ މަސައްކަތްތަކަށް ކިޔަމުންދާ ފާޑުކިޔުންތަކަށް އަމީން ވިދާޅުވީ ކެތްތެރިކަމާއި އެކު ސިއްހީ ދާއިރާއަށް އަންނަ ކުރިއެރުންތައް ބަލާ ދެނެގަންނަން ޖެހޭ ކަމަށެވެ. އަމީން ދުވަހުން ދުވަހަށް މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލި މަސައްކަތްތައް އިތުރަށް ފުރިހަމަވެ ރަށްރަށުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް ފުރުސަތު ފަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހެލްތް މިނިސްޓްރީގެ ދަށުން ކައުންސިލްތަކަށް ދޭންޖެހޭ އެއްބާރުލުން ދެމުން ގެންދާނެ ކަމަށާއި، އުންމީދަކީ ކައުންސިލްތަކުން ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުންގެ ގޮތުގައި އަމީން ވިދާޅުވިއެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް އިޝާރާތް ކުރައްވާ އަމީން ވިދާޅުވީ ސަރުކާރުން އެތައް މުހިންމު އަދި ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން ދާ ކަމަށެވެ. އަދި ކަމާއި ބެހޭ އިދާރާތްތަކުގެ އިރުޝާދާއި އެއްގޮތަށް ސަރުކާރުން ފުރިހަމައަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި އަމީން ވިދާޅުވިއެވެ.
ހެލްތް މިނިސްޓްރީގައި އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި 20 ރަށެއްގެ ސިއްހީ ޕްރޮޖެކްޓުތައް ވަނީ ކައުންސިލްތަކާއި ހަވާލުކޮށްފައެވެ. މިއީ ޕަބްލިކް ސެކްޓާރ އިންވެސްޓް މެންޓް ޕްރޮގްރާމް ނުވަތަ ޕީއެސްއައިޕީގެ ދަށުން ފަސް މިލިއަން ރުފިޔާގެ މަޝްރޫއުތައް ކައުންސިލްތަކަށް ހިންގުމަށް ހަވާލުކުރުމަށް ލިބިދޭ ބާރުގެ ދަށުން ހަވާލު ކުރި ޕްރޮޖެކްޓުތަކެކެވެ. މިއަދު ހަވާލު ކުރި ގިނަ މަސައްކަތަކީ، ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އާއި އިމާރާތުގެ ފިނިޝިންގެ މަސައްކަތްތަކެވެ. އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ:-
ހއ. މާރަންދޫ
ހއ. ފިއްލަދޫ
ހއ. ވަށަފަރު
ހދ. ވައިކަރަދޫ
ހދ. މަކުނުދޫ
ހދ. ފިނޭ
ނ. ކެނދިކުޅުދޫ
އއ. ފެރިދޫ
އދ. ދިގުރަށް
އދ. ދަނގެތި
މ. މުލައް
ލ. މާމެންދޫ
ގއ. މާމެންދޫ
ގއ. ދެއްވަދޫ
ހއ. ނިލަންދޫ
ގދ. ފިޔޯރީ
ގދ. މަޑަވެލި
ސ. ހުޅުދޫ
ސިއްހީ ނިޒާމަށް ކުރިއެރުންތައް ލިބިގެންދާއިރު، ރާއްޖޭގެ ރައްޔިތުން ކުރަމުން އައި ޝަކުވާތަކަށް ނިމުމެއް އަންނާނެ ކަމަށް އަމީން ވިދާޅުވިއެވެ. އަދި ޓާޝަރީ ހޮސްޕިޓަލްތަކާއި ރަށު ފެންވަރާއި އަތޮޅު ފެންވަރުގެ ހޮސްޕިޓަލްތައް ގާއިމް ކުރެވޭނެ ކަމަށެވެ.

