ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް، ކެނޑިޑޭޓުންގެ ކެމްޕެއިން ޕޯސްޓަރުތަކާއި އަދި އިންތިހާބާއި ގުޅުން ހުރި އެ ނޫންވެސް ޕޯސްޓަރުތައް ނަގަންޖެހޭ ހުއްދަ ނުނަގައި ހަރު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނަމަ އެ ބަޔަކު ޖުރިމަނާ ކުރާނެ ކަމަށް މާލޭ ސިޓީ ކައުންސިލް އިން ބުނެފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރާ ކެނޑިޑޭޓުން ފައިނަލް ވެފައިވާއިރު، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބާއްވަންޖެހޭ ގުރު ނެގުމުގެ ހަރަކާތަށްފަހު ކެނޑިޑޭޓުންނަށް ރަސްމީކޮށް ކެމްޕެއިން ފެށޭނެއެވެ. މި ހަފްތާގެ ތެރޭގައި ގުރުނަގާނެ ކަމަށް އީސީން ވަނީ ހާމަކޮށްފައެވެ. އިންތިހާބުތަކާއި ދިމާކޮށް ޕޯސްޓަރުތަކާއި ބެނާތައް ހަރު ކުރުމަކީ އާއްމުކަމަކަށްވާއިރު މިދިޔަ މަޖިލީސް އިންތިހާބުގައި ވެސް ހުއްދަ ނުހޯދައި ޕޯސްޓަރު ހަރު ކުރި މީހުންނާއި މެދު ސިޓީ ކައުންސިލް އިން ފިޔަވަޅު އެޅުމަށް ނިންމާފައިވެއެވެ. އޭގެ އިތުރުން އޭރު ކެންޑިޑޭޓުންނަށް އެއްވެސް އަގެއް ނެތި މާލޭގައި އިޝްތިހާރު ހަރުކުރުމުގެ ހުއްދަ ވެސް ސިޓީ ކައުންސިލް އިން ދޫކުރިއެވެ.
މާލޭ ސިޓީ ކައުންސިލްއިން ބުނެފައިވަނީ، ފުރިހަމަކުރަން ޖެހޭ ކަންތައްތަކަކަށް ފަހު، ހުއްދަ ހޯދަން ހުށަހަޅާ ކެންޑިޑޭޓުންނަށް ޕޯސްޓަރު ހަރުކުރުމަށް އެ ފުރުސަތު ދޭނެކަމަށެވެ. އަދި މި އިންތިހާބުގައިވެސް ކެންޑިޑޭޓުންނަށް އެއްވެސް އަގެއް ނެތި އެ މަސައްކަތް ކުރިޔަށް ގެންދިއުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާކަމަށް ވަނީ ބުނެފައެވެ.
މާލޭ ސިޓީ ކައުންސިލުން މިގޮތަށް ނިންމި ނަމަވެސް ހުއްދަ ނެގުމަކާއި ނުލައި އިޝްތިހާރު ހަރުކުރާ ފަރާތްތަކަށް ވަނީ ޖޫރިމަނާއެއް ކަނޑައަޅާފައި. މާލޭ ސިޓީ ކައުންސިލްއިން ބުނެފައިވާގިތުން އެންގުމަކާއި ނުލާ، ނުވަތަ ހުއްދަ ނުނަގާ އިޝްތިހާރު ހަރު ކުރާ ފަޜާތްތަކަށް ފިޔަވަޅެއްގެ ގޮތުގައި 1000 ރުފިޔާ އާއި 2000 ރުފިޔާ އާއި ދެމެދުގެ އަގަކުން ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި ސިޓީ ކައުންސިލްއިން އެ ޕޯސްޓަރުތައް ނަގަން އެނގުމުން އެޔަށް އަމަލު ނުކުރާނަމަ އިތުރުވާ ކޮންމެ ދުވަަހަކަށް ވެސް ޖުރިމަނާ ކުރާނެ ކަމަށް ކައުންސިލް އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އިޝްތިހާރު ނަގަން ޖެހޭ މުއްދަތު ހަމަވުމަށް ފަހު، އެ ނުނަގައި ބަހައްޓާ ކޮންމެ ދުވަހަކަށް، 2000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ. އިޝްތިހާރު ހަރުކުރުމުގެ ހުއްދައަށް އެދި ހުށަހަޅަން ޖެހޭ އަދި ސަމާލުވާން ޖެހޭ ކަންތައްތަކުގެ ތެރޭގައި ދީނާ ގުޅުން ހުރި ލިޔުމެއް ނަމަ، އެކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ހުއްދަ ނެގުމާއި ދަމާފައިވާ ބެނާގެ ސަބަބުން، މީހަކަށް ނުވަތަ ތަނަކަށް ގެއްލުން ވެއްޖެ އެކަމުގެ ޒިންމާ، ބެނާ ހަރު ކުރި ފަރާތުން ނަގަން ޖެހޭނެ އެވެ.
އިމާރާތެއްގައި ޕޯސްޓަރު ހަރުކުރާނަމަ އެ ފަރާތުގެ ހުއްދަ އޮތް ކަމުގެ ލިޔުން ހުށަހަޅަންޖެހޭނެ ކަމަށް ސިޓީ ކައުންސިލްއިން ވަނީ ބުނެފައެވެ. ސިޓީ ކައުންސިލްގެ ފަރާތުން ވަނީ އިޝްތިހާރު ހަރު ކުރުން މަނާ ސަރަހައްދުތަކާއި، އިޝްތިހާރު ކަރުދާސް ހަރު ނުކުރެވޭނެ ހާލަތްތައް ވެސް ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ދައުލަތުގެ އިމާރާތްތަކުގެ ފާރުތަކާއި ސަރުކާރު އިމާރާޓްތަކުގެ މަގުމަތީ ފާރާއި ސަހަރާތަކާއި ޕާކުތައް، މަގުމަތީގައި ހަރުކޮށްފައި ހުންނަ ކަރަންޓު ބޯޑާއި ޑަސްބިންތަކާއި މިސްކިތުގައި ތިބޭ މީހުންނަށް ފެންނަ ގޮތަށް ތަސްވީރު ހިމެނޭ އިޝްތިހާރުތަކެވެ. އަދި އިޝްތިހާރު ކަރުދާސް، މަގުމައްޗަށާއި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ޖެހުން މަނާވާނެއެވެ.
ސިޓީ ކައުންސިލްގެ ފަރާތުން ވަނީ އިޝްތިހާރެއްގެ މުއްދަތު ހަމަވުމާއި އެކު، އެ ތަކެތި ނެގުމަށް ވެސް އިލްތިމާސްކޮށްފައެވެ.

