ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާ އެކު ޖުމްލަ ހަތަރު މެމްބަރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިރޭ ފާސްކޮށްފި އެވެ.
ސީއެސްސީގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ކޮމިޝަންގެ މެމްބަރު މެމްބަރު އިބްރާހިމް ޝަހީގާއި ޒަކަރިއްޔާ ހުސައިން ވެސް ވަކި ކުރުމަށް ފާސްކުރިއެވެ. ސީއެސްސީގެ ފަސް މެބަރުންގެ ތެރެއިން ފާތުމަރު އާމިރާ މަގާމުން ވަކި ކުުރުމަށް ނިންމާފައިނުވެއެވެ. އާމިރާ ސީއެސްސީގެ މެމްބަރުކަމަށް އައްޔަންކޮށްފައިވަނީ މި ސަރުކާރު އުފެދުނުފަހުން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ސީއެސްސީގެ ހަތަރު މެމްބަރުންނާއި ގުޅޭ މައްސަލަ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ވަނީ ބަލާފައެވެ. އަދި މެމްބަރުން ވަކި ކުރުމަށް ހާޒިރުވެތިބި މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ ކޮމިޓީއަށް ފާހަގަކުރެވުނު ކަންތަކަށް ރިއާޔަތް ކުރުމަށްފަހުއެވެ.
މިރޭގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކުން މުވައްޒަފުންނާއި ދޭތެރޭ ނާއިންސާފުން ހިންގާ އަމަލުތަކާއި ބެހޭ ޝަކުވާތައް ކޮމިޝަނަށް ވެސް ހުށަހަޅާފައި އެބަހުރި ކަމަށެވެ. އެހެން ނަމަވެސް، ސީއެސްސީއަށް މުވައްޒަފުންގެ ހައްގުގައި ވަކާލާތުކޮށްދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ސަނީފް ވިދާޅުވީ މުވައްޒަފުންނަށް ގެއްލުންތަކެއް ލިބެމުންދިޔައިރު މުވައްޒަފުންނަށް ބަސް ބުނެވޭނެ ފުރުސަތު ވެސް ނުދިނުމަކީ އެއީ މެމްބަރުންގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދޭނެ މައްސަލައެއް ކަމަށެވެ.
ސީއެސްސީގެ ރައީސް ޝަމީމް ހުރިހާ ކަމެއް ވެސް ކުރަނީ ޓްރެއިނިންގެ ނަމުގައި ކަމަށާއި، އޭނާ ސިޔާސީ ހަރަކާތްތައް ބާއްވަމުން ދިޔައީ ވެސް ހަމަ އެ ނަމުގައި ކަމަށް ސަނީފް ވިދާޅުވިއެވެ. ސަނީފް ވިދާޅުވީ އެކަން ސާބިތުވާނެ ފޮޓޯތައް ވެސް އެބަހުރި ކަމަށެވެ. އެހެން ކަމުން ކޮމިޝަން އޮންނަން ޖެހޭނީ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދިއްޖެ ހާލަތެއްގަައި އެކަމަށް ޖަބާބުދާރީ ވެވޭ ހާލުގައި ކަމަށް ސަނީފް ވިދާޅުވިއެވެ.
ސީއެސްސީ މެމްބަރުންނާއި ގުޅޭގޮތުން އެތައް ޝަކުވާއެއް ކޮމިޓީގެ މެމްބަރުންނާއި ހަމައަށް އައިސްފައިވާކަން ސަނީފް ފާހަގަކުރެއްވިއެވެ. ކޮމިޓީން މި ކުރަނީ ތަހުގީގެއް ނޫން ކަމަށާއި، އެހެން ނަމަވެސް ސީއެސްސީގެ މައްޗަށް ލާޒިމްވެގެންދާ މަސްއޫލިއްޔަތު އަދާ ކުރޭތޯ ނުވަތަ ނޫންތޯ ކޮމިޓީއަށް ބެލޭނެ ކަމަށް ސަނީފް ވިދާޅުވިއެވެ. އެހެން ކަމުން ޖުމްލަ ގޮތެއްގައި ކޮމިޝަންގެ މެމްބަރުން ފެއިލްވެފައިވާ ކަމަށް ސަނީފް ވިދާޅުވިއެވެ.
މީގެ އިތުރުން ކޮމިޓީގައި ވާހަކަ ދައްކަވަމުން، މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮއޒެއިނާ އާދަމް ވިދާޅުވީ ކޮމިޝަންގެ ހަތަރު މެމްބަރުންނާއި ވާހަކަ ދެއްކިއިރު މެމްބަރުން ބުނާ ގޮތުން ކޮމިޝަންގެ ރައީސް ގަޑިއަށް ޖަލްސާތަކަށް ވަޑައިނުގަންނަވައެވެ. އަދި ޖަލްސާތައް ލަސްވެ އެއްގަޑިިއިރު ވެ ދާފަހުން އެހެން ފަރާތަކުން ރިޔާސަތު ބަލަހައްޓާ ގޮތަށް ވެސް ޖަލްސަތައް ކުރިޔަށް ގެންގޮސްފައި އެބަހުރި ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ، ޝަމީމް ގޮތެއް ނިންމުމުން އެކަމާއި ދެކޮޅަށް ކޮމިޝަންގެ ނައިބް ރައީސް ނިކުންނަ ކަމަށް އޭނާ ބުނި ކަމަށެވެ. އަދި އެއީ އެބޭފުޅުން އެއްބޭފުޅެއްގެ މެދުގައި އެއްވެސް ގުޅުމެއް ނެތް ކަމުގެ ހެއްެކެއްގެ ގޮތުގައި ރޮޒެއިނާ ފާހަގަކުރެއްވިއެވެ.
މުވައްޒަފުންތައް ވަކި ކުރި މައްސަލައިގައި ވެސް އެކަމާއި އަޅާނުލާ އެއީ ވުޒާރާތަކުގެ އަމިއްލަ ނިންމުންތަކެއްގެ ގޮތުގައި ވެސް ބުނެފައިވާ ކަމަށެވެ. މީގެ އިތުރުން ކޮމިޓީއާއި ހަމައަށް އައިސްފައި އޮތް މައްސަލައެއްގައި ޕާމަނަޓް ސެކޭޓްރީ ދޮގު ހެކި ދިންކަން އެނގި ހުރެ އެއީ ރަނގަޅު ހެއްކެތޯ ވެސް ނުބަލާ މުވައްޒަފަކު ވަކިކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ޕީއެސް އާއި މެދު އެއްވެސް ފިޔަވަޅެއް ވެސް ނާޅާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އަދި ފިޔަވަޅު އެޅީވެސް މިހާރުގެ އެޑިއުކޭޝަން މިނިސްޓަރު އެ މައްސަލަ ބަލައިދިނުމަށް އެދުމުން ކަމަށް ރޮޒޭނާ ފާހަގަކުރެއްވިއެވެ.
ރޮޒެއިނާ ވިދާޅުވީ މިއީ ކޮމިޝަންގެ އިހުމާލުން ހިނގާކަންތައް ކަމަށެވެ. ކޮމިޝަންގެ ގަވައިދާއި ގުޅޭގޮތުން ރޮޒެއިނާ ވިދާޅުވީ، ގަވައިދާ އެއްގޮތަށް މަސައްކަތް ކުރާކަމަށް ކޮމިޝަނުން ބުނިިއިރު އެ ގަވައިދަކީ ކޮމިޝަނުން ހަދާފައި ހުންނަ ގަވައިދުތަކެއް ކަމަށެވެ. އެހެން ކަމުން ގަވައިދުގައި ވާ ކަންކަން ރަނގަޅު ކުރުމަކީ ކޮމިޝަންގެ ޒިންމާއެއްގެ ގޮތުގައި ރޮޒެއިނާ ވަނީ ފާހަގަކުރައްވާފައެވެ.
ކޮމިޝަންގެ މެމްބަރުން މަގާމުން ވަކި ކުރުމަށްޓަކާ ކޮމިޝަނަށް ހުށެހެޅީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން މުހައްމަދު (ހަސަންޓޭ) އެވެ. އަދި ހަސަންޓޭގެ ހުށަހެޅުމަށް ތާއީދު ކުރައްވާފައިވަނީ ސަނީފްއެވެ.

