އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީއަށް ރައްޔިތުންގެ މަޖިލީހުން ލަފާ ދޭނީ މިނިމަމް ވޭޖަށް ކަނޑައަޅާނެ އަދަދަކާ އެކު ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިގްތިސާދީ ކޮމިޓީން ރިޕޯޓް ދިރާސާ ކުރަމުންދާ ކަމަށެވެ. އަދި ކޮމިޓީން އެ މަސައްކަތް ކުރާއިރު ރިޕޯޓް އެކުލަވާލި ފަރާތްތަކުގެ އިތުރުން ކަމާ ބެހޭ ހުރިހާ ފަރާތްތަކާ ބައްދަލު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓްރީގައި އެކުލަވާފައިވާ ބޯޑުން ދިރާސާކޮށް އެކުލަވާލާފައިވާ ރިޕޯޓާއި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުން ދިރާސާކޮށް އެކުލާވާފައިވާ ރިޕޯޓް މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ މަހުއެވެ.
މިނިމަމް ވޭޖުގެ މަސައްކަތްތައް ކޮމިޓީގައި ކުރަމުންދާ ގޮތަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މިއަދު ވެސް އެ ކަމަށް ކޮމިޓީގެ ބައްދަލުވުމެއް އެޖެންޑާ ކުރެވިފައިވާ ކަމަށެވެ. އަދި އެ ރިޕޯޓް ދިރާސާކޮށް ކޮމިޓީން ގޮތެއް ނިންމުމަށްފަހު އެކުލަވާލައި ރިޕޯޓެއްގައި މިނިމަމް ވޭޖުގެ ގޮތުގައި އޮންނާނެ އަދަދު ކަނޑައެޅިފައި އޮންނަން ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ކޮމިޓީގެ ނިންމުން ތަޅުމަށް ފޮނުވާނެ. ކޮމިޓީގެ ނިންމުމުގައި އަދަދެއް ހިމެނެން ޖެހޭނެ. ދެން އެ ރިޕޯޓާ ގުޅޭ ގޮތުން މަޖިލީހުން ނިންމާ ނިންމުން އެއީ މަޖިލީހުގެ ނިންމުން. މިނިސްޓަރު އެދިފައި ވަނީ މަޖިލީހުގެ ލަފައަކަށް. ރިޕޯޓާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި މިނިސްޓަރަށް އަދަދެއް ދިނުން އެއީ ކުރަންވީ މަސައްކަތް،“ ނަޝީދު ވިދާޅުވި އެވެ.
އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މިނިމަމް ވޭޖްގެ ރިޕޯޓް މަޖިލީހުން ދިރާސާ ކުރަމުންދާއިރު، ރާއްޖޭގައި ވަޒީފާ އަދާ ކުރާ މީހުނަށް މިނިމަމް ވޭޖެއް ކަނޑައަޅައި ދޭން ލާޒިމުކޮށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.
ބިލުގައި ބުނެފައިވާ ގޮތުން، ރާއްޖޭގައިވާ ހަތް ސިނާއަތެއްގައި މަސައްކަތް ކުރާ މީހުނަށް މިނިމަމް ވޭޖުގެ އަދަދެއް ކަނޑައަޅަން ޖެހެ އެވެ. އަދި އެ އަދަދުތައް ކަނޑައެޅުމުގެ ބާރު ބިލުން ދީފައި ވަނީ އިކޮނޮމިކް މިނިސްޓަރަށެވެ.
އެންމެ ކުޑަ އުޖޫރަ ފެބްރުއަރީ މަސް ނިމުމުގެ ކުރިން އިއުލާން ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފައެވެ. އެކަމަކު ފެބްރުއަރީ މަސް ނިމުނުއިރުވެސް އެކަން އިއުލާން ނުކުރެވުމުން މިނިސްޓަރު ވަނީ މާފަށް އެދިވަޑައިގެންފައެވެ. އަދި ވިދާޅުވީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖު ކަނޑަނޭޅިވަނީ މަޖިލީހުގެ ލަފަޔެއް ނުލިބިގެން ކަމަށެވެ.

