ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިމަމްވޭޖާއި މެދު މިމަހުގެ 11 ގެ ކުރިން ކޮމިޓީން ގޮތެއް ނިންމާނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން އެކުލާވާފައިވާ ބޯޑުން ދިރާސާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓާ މެދު މި ހިނގާ ޖެނުއަރީ މަހުގެ 11 ގެ ކުރިން ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ފާސްކޮށްފި އެވެ.

އިއްޔެ އޮތް އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުމުގައި މިމަހުގެ 11 ގެ ކުރިން މިނިމަމްވޭޖުގެ މަސައްކަތްތައް ނިންމަން ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދެވެ.

އިސްމާއީލް ވިދާޅުވީ މަޖިލީހަށް ފޮނުވާފައި ވަނީ ވަރަށް ބޮޑު ދިރާސާއެއް ކޮށްފައިވާ ރިޕޯޓެއް ކަމަށާއި އެ ކަމާ ގުޅިގެން މަޖިލީހުން މާ ގިނަ މަސައްކަތްތަކެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އިސްމާއީލްގެ ހުށަހެޅުއްވުމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ތާއީދު ކުރެއްވި އެވެ.

އެ ހުށަހެޅުއްވުން ކޮމިޓީން ފާސްކުރުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި އަށް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނެވެ. ވޯޓުގެ ނަތީޖާ ހަމަހަމަވުމުން ކޮމިޓީގެ މުޤައްރިރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވޯޓު ދެއްވީ އެ މުއްދަތަށް ކޮމިޓީގެ މަސައްކަތް ނިންމުމަށެވެ.

ސަރުކާރުގެ މެންބަރުގެ ހުށަހެޅުއްވުމަށް އެމްޑީޕީގެ މެންބަރަކާއި އިދިކޮޅު މެންބަރަކު ވޯޓް ދެއްވާފައެއްނުވެއެވެ. އެގޮތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ އާއި މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވޯޓެއް ނުދެއްވައެވެ.

ސައީދު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭ ގޮތުން މަޖިލީހުގެ ކޮމިޓީން ވެސް އެކަށީގެންވާ ދިރާސާއެއް ކުރަން ޖެހޭ ކަމަށެވެ. އަދި އެ ކަމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރައްވަން ޖެހޭ ކަމަށާއި އެ ރިޕޯޓުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަމަށް ފާހަގަ ކުރެވޭ ކަމަށެވެ.

މިނިމަމް ވޭޖް ކަނޑައަޅާ އަދަދެއްގެ ސަބަބުން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖާއި އެހެނިހެން އިނާޔަތްތައް ކަނޑާލުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު އެހެން ވިދާޅުވި ނަމަވެސް ސާވިސް ޗާޖަކީ ގާނޫނުގައި ދިނުމުގައި ލާޒިމުކޮށްފައިވާ އެއްޗެކެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ހުރިހާ ސްޓޭކް ހޯލްޑަރުންނާ ވެސް ވިހާ ވެސް އަވަހަކަށް ބައްދަލު ކުރެވޭ ގޮތް ހަދަން ޖެހޭ ކަމަށެވެ. ވަޒީފާއާ ބެހޭ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން އަންނަ ހާލަތަކާ ގުޅޭ ގޮތުން މިނިމަމް ވޭޖް ރިވިއު ކުރެވެން އޮންނައިރު ދުނިޔޭގައި ފެތުރޭ ކޮރޯނާ ވައިރަސްއާއެކު އިގްތިސާދަށް އަންނަ ލޮޅުމަކުން އަނެއްކާ ވެސް ރިވިއު ކުރަން ޖެހޭ ހާލަތަށް ދިއުމަށްވުރެ މިހާރު ވެސް އެކަށީގެންވާ އަދަދެއް ކަނޑައެޅުން މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ވެސް މިނިމަމް ވޭޖް ކަނޑައެޅުމުގެ ބާރު އޮންނަނީ އިކޮނޮމިކް މިނިސްޓަރަށެވެ. މަޖިލީހުގެ ލަފައަށް އެދި އިކޮނޮމިކް މިނިސްޓަރު އެ ރިޕޯޓް މަޖިލީހަށް ފޮނުއްވެވީ އެއީ ރާއްޖޭގައި އަލަށް ފަށާ ކަމަކަށްވާތީ އެކަމުގައި މަޖިލީހުގެ ލަފައެއް ހޯދުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: