ވަކި ގޮތެއް ނުނިމި ހަތް އަހަރު ދުވަހަށް ފަހު އެންމެ ފަހުން، ސަރުކާރުން ވ. ބޮޑުމޮހޮރާ ދިނުމުން އެރަށާއި ރަސްމީކޮށް ޙަވާލުވެވަޑައިގަތުމަށް ޖެޓްސްކީއެއްގައި ދަތުރުކުރެއްވުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ނިންމަވައިފިއެވެ.
ވ. އަތޮޅުގެ އެންމެ ބޮޑު އެއް ރަށް ކަމަށް ވާ ބޮޑުމޮހޮރާ އަކީ މުޅި އަތޮޅަށް ދެމިގެންދާ ގޮތަށް ބޮޑު ފަޅެއްވެސް އެކުލެވޭ ހިތްގައިމު ރަށެކެވެ. ސަރުކާރުން މި ރަށް ޖާބިރަށް ދީފައިވަނީ ފެބްރުއަރީ 27 ގައެވެ.
ޑީއާރުޕީން ބުނީ އެޕާޓީގެ ލީޑަރަށް ބޮޑުމޮހޮރާ ލިބިވަޑައިގަތުމުން އެރަށާއި ރަސްމީކޮށް ޙަވާލުވެވަޑައިގަތުމަށް ދަތުރު ކުރައްވާނީ ޖެޓްސްކީ އެއްގައި ކަމަށެވެ. އެގޮތުން މިއަދު އެކެއް ޖަހާއިރު 1 ނަންބަރު ޖެޓީން ދަތުރަށް ފައްޓަވާނެ ކަމަށެވެ.
ޖާބިރު ވިދާޅުވީ ބޮޑު މޮހޮރާ އޭނާ ތަރައްޤީ ކުރައްވާނީ ”ޖާބިރު ހެޕީ ކްލަބް“ގެ ނަމުގައި ކަމަށާއި ރާއްޖޭގެ ޓޫރިޒަމަށް އެ ރިސޯޓުން ”އިންގިލާބެއް ގެންނާނެ“ ކަމަށެވެ.
މެރިން ރިސާޗު ސެންޓަރުގެ ތަހުލީލުތަކަށް ހާއްސަކޮށްގެން އެތައް މަސައްކަތެއް ކުރިން ހިންގި ބޮޑުމޮހޮރާ ރިސޯޓަކަށް ތަރައްގީ ކުރުމަށް ޖާބިރުގެ ޖޮއިންޓް ވެންޗާ ކުންފުންޏަށް ދޭން އުޅުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ. ނަމަވެސް ވެރިކަން ބަދަލުވުމާ ގުޅިގެން، އެރަށް އަތުލި އެވެ.
ބޮޑުމޮހޮރޯ ދޭން އޭރު ކުރި އެގްރިމެންޓަށް އަމަލްކުރުން ހުއްޓާލީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުންނެވެ. އެ މައްސަލަ ކޯޓަށް ލުމުން ސިވިލް ކޯޓުން ނިންމީ، މެރިން ޓެކްނޮލޮޖީއާ ބޮޑުމޮހޮރާ ހަވާލުކުރާށެވެ. އެކަމަކު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ ހުކުމަށް އަމަލްކޮށްފައެއް ނުވެ އެވެ.
ޖާބިރު ވިދާޅުވީ ބޮޑުމޮހޮރާ އަކީ ޔާމީންގެ ސަރުކާރުން އޭނާގެ އަތުން ފޭރިގަތް ރަށެއް ކަމަށެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިސް އިންސާފުވެރިކަމާ އެކު މައްސަލަ ނިންމުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރެއްވި އެވެ.
ޖާބިރުގެ ކުންފުންޏަށް 50 އަހަރަށް ބޮޑުމޮހޮރާ ދިނީ 36 މަސް ދުވަހުގެ ތެރޭގައި ރިސޯޓް ހަދާ ގޮތަށެވެ.

