ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި އެމީހުންގެ ބެލެނިވެރިންނަށް ފުލެޓަށް ކުރިމަތިލެވޭ ގޮތަށް ސަރުކާރުން އުސޫލުތަކަށް ބަދަލު ގެނެސް، އެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި ބަދަލާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ހައުސިންގ މިނިސްޓްރީން ހާމަކުރި ގޮތުގައި، އަމިއްލައަށް ފޯމު ފުރަން ދަތި ފަރާތްތަކާއި، 18 އަހަރު ނުފުރޭ ކުދިންގެ ބަދަލުގައި، އެންސްޕާގައި އެ ކުއްޖެއްގެ ނުވަތަ އެ މީހެއްގެ ބެލެނިވެރި ފަރާތުގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ދެން ފްލެޓަށް ހުށަހެޅޭނެއެވެ. މި ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މިކަމާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިއްބު މީގެކުރިން ވިދާޅުވެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ޝަރުތުތައް އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މީގެކުރިން އޮތީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކި ކެޓެގަރީއެއް ކަނޑައަޅައި، އެމީހަކު އަމިއްލައަށް ފުލެޓަށް ކުރިމަތިލާން ޖެހޭ ގޮތަށެވެ. ނަމަވެސް، އަމިއްލައަށް އެކަން ކުރަން ދަތިވާ ފަރާތްތަކަށް މިހާރު ގެނެވުނު ބަދަލާއެކު ބެލެނިވެރިން މެދުވެރިކޮށް ކުރިމަތިލުމުގެ މަގު ވަނީ ތަނަވަސްވެފައެވެ.
މި ފުރުސަތުގެ ބޭނުން ހިފުމަށް ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމަށް 25 ދުވަހުގެ މުއްދަތެއް މިނިސްޓްރީން ވަނީ ދީފައެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދީ، އެފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.

