އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި އަމިއްލަ ޚިޔާލެއް، ރައުޔެއް ނޯންނާނެ ކަމަށާއި ބޭނުންވަނީ ބޭނުންވަނީ ވިޔަފާރިތައް ވެސް ހަލާކު ނުވާވަރުގެ އެއްޗަކަށް މިނިމަމް ވޭޖްވުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިނިމަން ވޭޖަކީ އޭގެ ސަބަބުން ވަޒީފާ އަދާކުރާ ފަރާތަށާއި ވަޒީފާ ދޭ ފަރާތަށް ވެސް ގެއްލުމާއި ފާއިދާ ވެސް ހުރި ކަމެއް ކަމަށެވެ.
ފައްޔާޒް ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަކީ މުޅި ދިވެހިރާއްޖޭގެ އިޤުތިޞާދަށް އެކިއެކި ބަދަލުތަކަށް އަންނާނެ ކަމެއް ކަމަށެވެ. އަދި ދިވެހިންގެ ގިނަ ވަޒީފާތައް އޮތީ ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި ކަމަށްވުމުން، މިނިމަމް ވޭޖް ކަނޑައަޅާނީ އެ ވިޔަފާރިތައް ހަލާކުނުވާ އުޞޫލަކުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައެޅޭ އަދަދަކުން، މުސާރަ ނުދެވޭ ގޮތް ވެއްޖެނަމަ ނަމަ ވަޒީފާތަކެއް ގެއްލިގެންދާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ކުއްލިއަކަށް މިކަންކުރާއިރު އޭގެ ”ނެގެޓިވް އިމްޕެކްޓް“ އަށް ބަލާލުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި މީގެ ވިއްސަކަށް އަހަރު ކުރިން މިނިމަމްވޭޖްގެ މަޝްވަރާތައް ކުރެވުނު ގޮތަށް، އެދުވަހު އެކަންކުރިނަމަ މިއަދު އުދަނގޫތަކާ ކުރިމަތިލާކަށް ނުޖެހޭނެއެވެ.
”ބައިވަރު ބަދަލުތަކެއް ދިވެހިރާއްޖެއަށް އަންނައިރުގައި މިނިވަންވޭޖް އިންކަމްޓެކްސް އަދި އެކަހަލަ އެތައް ބައިވަރު ބަދަލުތަކެއް މިގެންނަނީ، އެއީވެސް އޭގެ ޒާތުގައި މުޅި ދިވެހިރާއްޖެއަށް ހުރި ޗެލަންޖުތަކެއް، ކުރިން އަޅުގަނޑުމެން މިވާހަކަތައް ދައްކަން ފެށީ މީގެ ވިއްސަކަށް އަހަރު ކުރިން، އޭރު މިނިވަން ވޭޖަކާ ހިސާބަކަށް އާދެވުނު ނަމަ މީހުންގެ ސިކުޑިތަކުގައި ވެސް އެހަރުލާފަ ހުންނާނެ، އަދި މަޑުމަޑުން އެއިރެއްގެ ހާލަތުގައި ގުޅޭ ގޮތަކަށް ބަދަލުވެގެން އަންނާނެ، މިއަދު އަލަށް އަޅުގަނޑުމެންނަށް ތައާރަފް ކުރަން ޖެހޭއިރު އަޅުގަނޑުމެންގެ ހަރަދުތަކާއި ވަރަށް ގިނަ ކަންތައްތައް މިއޮތީ ކުރިއާ ވަރަށް ބޮޑަށް ތަފާތުވެފައި“ ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ފައްޔާޒް ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ދިނުމަށްޓަކައި ބަޖެޓަށް 3.8 ބިލިއަން ރުފިޔާ އިތުރުކުރަން ޖެހޭ ކަމަށެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުން އިގުތިސާދަށް އަންނާނެ ބަދަލުތަކާއި ގުޅޭގޮތުން ކޮންމެވެސް ވަރެއްގެ ދިރާސާތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް 1.5 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށެވެ.
”އަޅުގަނޑުމެން އަންދާޒާ އަކީ 3.8 ބިލިއަން ރުފިޔާ މިކަމާއި ގުޅިގެން ހިޓުވާނެކަމަށް. އެދެން ވަރަށް ބޮޑު އަދަދެއް. ދެން އަޅުގަނޑުމެން ޖެހޭނީ ކޮންމެވެސް ގޮތަކުން އެފައިސާ ހޯދަން“ ފައްޔާޒް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ނުދެވި ލަސްވިނަމަވެސް މަޖިލީހުގެ ލަފަޔަކަށް އެދިވަޑައިގެންފައިވަނީ މިއީ ރައްޔިތުންގެ ހައްގުތަކާއި ގުޅިފައިވާ ކަމަކަށް ވާތީ ރައްޔިތުންގެ މަންދޫބުންގެ ލަފާ މިކަމަށް ބޭނުންވާތީ ކަމަށެވެ.
މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން މިނިމަމް ވޭޖެއް ކަނޑައެޅެން ބޭނުންވާ ކަމަށް މިނިސްޓަރު ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ. މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދާއިރު، އެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ބޯޑުން ދިރާސާކޮށް އެކުލަވާލާފައިވާ ރިޕޯޓް މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ދަނީ ދިރާާސާ ކުރަމުންނެވެ.

