ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އަންނަ ޖުލައި މަހުގެ 26 ގެ ކުރިން ހުޅުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ، މުޅި ސަރުކާރުގެ ނިޒާމްގެ ތެރޭގައި ހުރި ކަންކަމުގެ ޝަކުވާތަކަށް، 24 ގަޑިއިރު ހިދުމަތް ދިނުމަށް ޤާއިމްކުރާ މި އޮފީހުގެ އިދާރީ ހުރިހާ މަސައްކަތެއް ވަރަށް ބާރަށް ކުރިއަށް ގެންދަވާކަމަށެވެ.
މި ބިއުރޯއަށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް، އާޓިފިޝަލް އިންޓެލިޖެންސް (އޭ އައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކޮށް، ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް އަވަސް ޖަވާބެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރާއެކު މި މަސައްކަތް ކާމިޔާބުކަމާއިއެކު ހާސިލު ކުރައްވާނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އެކިދާއިރާތަކުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން މިނިސްޓްރީތަކަށް ގެންނެވި ބަދަލާއި އެކު އެކަމުގެ ހެޔޮ ނަތީޖާ ފެންމުންދާކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެ ކުރިން ބޭރުގައި ކިޔަވާ ދަރިވަރުން އެކި ކަންކަމުގައި އެދުމުން އެކަންކަން ފުރިހަމަކުރުމަށް، އެވްރެޖްކޮށް ހަތަރު ހަފްތާ ހޭދަވެފައިވާކަމަށާއި އެހެން ނަމަވެސް މިހާރު އެ މުއްދަތު ހަތަރު ދުވަހަށް ކުޑަވެފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ކަންކަން ހައްލުކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތާއި ގުޅޭގޮތުންވެސް އެމަނިކުފާނު ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ މިހާރު ބައޯމެޓްރިކްސް ނުނެގިހުރީ އެންމެ އެއް ޕަސެންޓް މީހުންގެ ކަމަށެވެ. މިއީ މިހާތަނަށް ޔޫއޭއީ އަދި ސިންގަޕޯރ އިން ހޯދާފައިވާ ކުރިއެރުމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ
މި ސަރުކާރުގެ ދެއަހަރާއި ބައިގެ ތެރޭގައި ބާރަ ހާހަށް ވުރެ ގިނަ ބިދޭސީން ޑިޕޯޓްކޮށްފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މިއީ މި މަސައްކަތުގައި ހަރަކާތެރިވި އެކި ފަރާތްތަކުގެ ބުރަ މަސައްކަތުން ހޯދި ކާމިޔާބީއެއް ކަމަށެވެ.

