”ތިންވަނަ ކަނޑު“ ހޮހޮޅައިގައި ހިނގާ ދިޔަ ހާދިސާގައި މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ހަށިގަނޑުތައް އެނބުރި އިޓަލީއަށް ފޮނުވާލުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ އިންތިޒާމުތައް ދިވެހި ސަރުކާރުން ހަމަޖައްސަން ފަށައިފިއެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވި ގޮތުގައި، ހަށިގަނޑުތައް އިޓަލީއަށް ފޮނުވާލުމުގެ ކަންކަމުގައި ދިވެހި ސަރުކާރުން ދަނީ އިޓަލީގެ ސަރުކާރާ ގާތުން ގުޅިގެން މަސައްކަތް ކުރަމުންނެވެ.
ހަށިގަނޑުތައް ރަސްމީކޮށް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އިންޓަޕޯލް ފަދަ ބައިނަލްއަޤްވާމީ އިދާރާތަކާ ގުޅިގެން ޑީއެންއޭ މެދުވެރިކޮށް މަރުވި މީހުންގެ އައިޑެންޓިޓީ ކަށަވަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް ޝަރީފް ފާހަގަ ކުރެއްވިއެވެ.
މި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ހިންގި ބޮޑު އޮޕަރޭޝަން ނިންމާލާފައިވަނީ މި މަހުގެ 20ވަނަ ދުވަހު، އެންމެ ފަހުން ގެއްލިފައި ތިބި ދެ މީހުންގެ ހަށިގަނޑު ހޮހޮޅައިގެ ތެރެއިން ނެގުމާ އެކުގައެވެ. މި ދެ މީހުންގެ ހަށިގަނޑު ފެނިފައިވަނީ ހޮހޮޅައިގެ އެންމެ އެތެރޭގައި އޮންނަ، ގާތްގަނޑަކަށް 60 މީޓަރު ފުން ސަރަހައްދަކުންނެވެ.
އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަށިގަނޑުތައް އިޓަލީއަށް ގެންދިއުމާ އެކު، އެމީހުން މަރުވި ސަބަބު ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ނުވަތަ އޮޓޮޕްސީ ހެދުމަށް ރޯމްގެ ޕްރޮސެކިއުޓަރުގެ އޮފީހުން ވަނީ އަމުރުކޮށްފައެވެ. އިޓަލީގެ ޕްރޮސެކިއުޓަރުން މިހާރު ވަނީ މި މަރުތަކާ ގުޅިގެން ”ކަލްޕަބަލް ހޯމިސައިޑް“ ނުވަތަ އިހުމާލުން މީހަކު މަރުވުމުގެ މައްސަލައެއްގެ ޖިނާޢީ ތަޙުޤީގެއް ފަށާފައެވެ.
ހަށިގަނޑުތައް ހޯދުމުގެ އޮޕަރޭޝަންގައި ދިވެހި ފުލުހުންނާއި ސިފައިންގެ އިތުރުން ފިންލެންޑްގެ މާހިރު ޑައިވަރުންގެ ޓީމެއް ބައިވެރިވެފައިވެއެވެ. މި މައްސަލައިގެ ތަހުޤީގަށް ބޭނުންވާ ބައެއް ސާމާނާއި ”ގޯޕްރޯ“ ކެމެރާތައް ވެސް މިހާރު ވަނީ ހޮހޮޅައިގެ ތެރެއިން ނަގައި ފުލުހުންނާ ހަވާލުކޮށްފައެވެ.

