މިއަހަރުގެ އަޟްހާ އީދު ބަންދާ ދިމާކޮށް ވައިގެ މަގުން ދަތުރުކުރާ ފަރާތްތަކުން ވަގުތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ ކުންފުނިން މިކަމަށް އެދިފައިވަނީ އީދު ބަންދާ ދިމާކޮށް އެއާޕޯޓުގެ ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭތީއެވެ.
އެމްއޭސީއެލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީދު ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ރަށްރަށަށާއި ރާއްޖޭން ބޭރަށް ދަތުރުކުރާނެ ކަމަށް ބެލެވޭތީ އެއާޕޯޓަށް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިކަމާ ގުޅިގެން މިއަދުން ފެށިގެން މި މަހުގެ 31 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ވީއައިއޭއިން ފުރާ އެންމެހާ ދަތުރުވެރިން ވެސް ގަޑިއަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
ދަތުރުވެރިން އެއާލައިންތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަކީ ދަތުރުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެއްކަން އެމްއޭސީއެލުން ފާހަގަކުރެއެވެ. ޚާއްސަކޮށް ޗެކިންވުމަށާއި އެހެނިހެން ފޯމަލިޓީސްތައް ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތު އޮއްވައި އެއާޕޯޓަށް ދިއުމަށް އެ ކުންފުނިން އިރުޝާދުދެއެވެ.
މި ދުވަސްވަރު އެއާޕޯޓު ބޭނުންކުރާ ދަތުރުވެރިންނަށް ދިމާވެދާނެ ދަތިތައް ހައްލުކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވީއައިއޭގެ މުވައްޒަފުން އެއާޕޯޓުގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާނެ ކަމަށް ވެސް އެމްއޭސީއެލުން ވިދާޅުވިއެވެ.
އީދު ބަންދަކީ އާންމުކޮށް ވެސް އެއާޕޯޓަށް ވަރަށް ބޮޑަށް ބާރުބޮޑުވާ ދުވަސްވަރަކަށް ވާތީ، ދަތުރުވެރިންގެ ފަސޭހައަކަށްޓަކައި އެއާޕޯޓުގެ އޮޕަރޭޝަންތައް ވަނީ ވަރުގަދަކޮށްފައެވެ. ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިރުޝާދު ދެނީ މިފަދަ ބަންދު ދުވަސްތަކުގައި ދަތުރުކުރާއިރު، ދިމާވެދާނެ ލަސްތަކަށް ސަމާލުވެ، ކުރިއަށްވުރެ އަވަހަށް އެއާޕޯޓަށް ހާޒިރުވުމަށެވެ.

