އަންނަ މަހުގެ 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ފޮށި ބެހެއްޓޭ ވަރަށް އާއްމުން ރެޖިސްޓްރީކޮށްފައި ނުވާ ތަންތަނަށް ރީރެޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
ކައުންސިލް އިންތިހާބަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވެވިފައިވާއިރު ކެނޑިޑޭޓުން ފައިނަލްވެ، ރަސްމީކޮށް ކެމްޕެއިން ވަނީ ފެށިފައެވެ. އަދި އީސީން ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމާއި އެކު ސިޔާސީ ޕާޓީތަކުން ދަނީ ކެމްޕެއިން ލޯންޗިތައް ބާއްވާ ކެމްޕެއިން ހަރަކާތްތައް ވަރުގަދަ ކުރަމުންނެވެ.
މި ފަހަރުގެ އިންތިހާބުގައި 2،69562 (ދެ ލައްކަ ފަސްދޮޅަސް ނުވަ ހާސް ފަސް ސަތޭކަ ފަސްދޮޅަސް ދޭއް) މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ. އަދި އިންތިޚާބަށް 2،400 އަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު އެންމެ ގިނަ މީހުން ކުރިމަތިލީ އެމްޑީޕީންނެވެ. އެއީ 876 ކެންޑިޑޭޓުންނެވެ. އަދި ޕީޕީއެމްގެ ޓިކެޓުގައި 679 ކެނޑިޑޭޓުން ވާދަކުރާއިރު، ޖުމްހޫރީ ޕާޓީން ކުރިމަތިލީ 127 ކެންޑިޑޭޓުންނެވެ. އަދި އަދާލަތު ޕާޓީން 30 ގޮނޑިއަކަށް ވާދަކުރާއިރު އެމްޑީއޭ އިން 22 ގޮނޑިއަކަށް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމުން 16 ގޮނޑިއަކަށް ވާދަކުރެއެވެ.
މީގެ އިތުރުން ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން 680 ކެނޑިޑޭޓުން ވާދަކުރާނެއެވެ.
ކެނޑިޓޭޓުންގެ އަދަދު ފައިނަލް ކުރުމަށްފަހު އީސީން ވަނީ އަލުން ރެޖިސްޓްރޭޝަންއަށް ހުޅުވާލާފައެވެ. އީސީއިން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައެްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވޯޓު ފޮށި ބެހެއްޓުމަށް 53 ރިސޯޓަކަށް ފުރުސަތު ހުޅުވާލި ކަމަށެވެ. އަދި އޭގެ ތެރެއިން 28 ރިސޯޓެއްގައި މީހުން ރަޖިސްޓްރީ ކުރި ނަމަވެސް ވޯޓު ފޮށި ބެހެއްޓޭ ވަރަށް މީހުން ރަޖިސްޓްރީ ކޮށްފައި ނުވާ ކަމަށެވެ. ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާނީ މަދުވެގެން 50 މީހުން އެ ރަށެއްގައި ރަޖިސްޓްރީ ކުރުމުންކަމަށް ވެސް ޝަރީފް ވިދާޅުވެފައިވެއެވެ.
ޝަރީފް ވިދާޅުވީ ހުޅުލެއާއި، އައްޑޫ ސިޓީ ގަން އަދި ދޫނިދޫ ޖަލުގައި ވޯޓު ފޮށި ބެހެއްޓޭ މިންވަރަށް މީހުން ރެޖިސްޓްރީކޮށްފައި ނުވާ ކަމަށެވެ. އޭގެ އިތުރުން ދިވެހިން ދިރިއުޅެމުން އަންނަ އިންޑިއާގެ ނިއުދިއްލީ އާއި، ސިންގަޕޯރ، ތައިލޭންޑު، އަދި ބަންގްލަދޭޝްގައި ވޯޓު ފޮށި ބެހެއްޓޭ ވަރަށް ރެޖިސްޓްރީކޮށްފައި ނުވާ ކަމަށެވެ.
އީސީން ބުނީ އެ ތަންތަނަށް ވޯޓު ލުމަށް ޓަކައި ރަޖިސްޓްރީވެފައިވާ މިހާރު ވޯޓު ފޮށި ބެހެއްޓޭނެ ކަމަށް ކަށަވަރު ކޮށްފައިވާ ތަންތަނަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާ ކަމަށެވެ. އެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. ކައުންސިލް އިންތިހާބުގައި ވޯޓުފޮށި ނުބަހައްޓާ ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ޖަލުތަކާއި ބޭރު ގައުމުތައް ރީރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައި ވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއިންނާއި ކުޅުދުއްފުށި ސިޓީން ސިޓީ ކައުންސިލްގެ އިދާރާއިންނާއި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނެވެ. މާލޭންނަމަ އިންތިހާބާ ބެހޭ މަރުކަޒުންނެވެ.
ރަޖިސްޓަރީ ކުރުން އޮންނާނީ ހުކުރު ދުވަހުގެ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ. އަދި އަންނަ ހޮނިހިރު ދުވަހު ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ.
ރާއްޖޭން ބޭރުގައިނަމަ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ އެ ގައުމުތަކުގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ރާއްޖޭގެ ހައިކޮމިޝަންތަކުން، ކޮންމެ ދުވަހެއްގެ ހެނދުނު އެގައުމެއްގެ ގަޑިން 10:00 އިން ހަވީރު 03:00 އަށެވެ.
މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ އެ ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައި ކަމަށް އީސީން ބުންޏެވެ.

