ސްޓެލްކޯގެ އަޕްގްރޭޑިންގ ގެ މަސައްކަތް ނިމުނުތާ ގިނައިރުތަކެއް ނުވެ މުޅި މާލެ ސަރަހައްދު ބްލެކްއައުޓަކަށް ގޮއްސިއެވެ.
ސްޓެލްކޯއިން މިކަން ކަށަވަރު ކޮށްދީފައިވާއިރު، ކަރަންޓު ކެނޑުމަށް ސީދާ މެދުވެރިވި ސަބަބެއް ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް ސްޓެލްކޯއިން އަންނަނީ މިއަދު ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގޭގެ ޕަވަރ ސިސްޓަމަށް އަޕްގްރޭޑްތަކެެއް ގެންނައުމުގެ މަސައްކަތް ކުރަމުންނެވެ.
އެގޮތުން މިދިޔަ ބުރާސްފަތިދުވަހު ސްޓެލްކޯއިން ބުނީ މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރެވެމުން ދާ ކަމަށެވެ. މިގޮތުން، ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50
މެގަވޮޓްގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމަށް ކޮންމެހެން ގެންނަންޖެހޭ މުހިންމު އަޕްގްރޭޑެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި އަޕްގްރޭޑާއެކު އެ އިންޖީނުގެއަށް އިތުރު ޖަނަރޭޝަން ފީޑް ކުރުމަށް ފުރުސަތު ހުޅުވި، މާލެ ސަރަހައްދުގެ ކަރަންޓުގެ ވިއުގައިގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
މި މަސައްކަތް ފުރިހަމަކުރުމަށްޓަކައި މިއަދު ފަތިހު 03:00 އިން ހެނދުނު 08:00 އަށް ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލުމުގެ މަސައްކަތްވެސް ކުރިއެވެ.
މަސައްކަތް ކުރިއަށްދާ ވަގުތު، ކަރަންޓު ބޭނުންކުރާ މިންވަރު އުފެއްދޭ މިންވަރަށްވުރެ އިތުރުވެއްޖެނަމަ، ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަން ޖެހިދާނެ ކަމަަށް ބުނެފައިވެއެވެ. އެ ވަގުތަކީ ކަރަންޓު ބޭނުންކުރާ މިންވަރު އެންމެ މަދު ވަގުތު ކަމަށްވާތީ، ޚިދުމަތަށް ކުރާނެ އަސަރު ކުޑަވާނެ ކަމަށް ސްޓެލްކޯއިން އޭރު ވަނީ ބުނެފައެވެ.

