ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން، މާލޭ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ މުއްދަތު ސަރުކާރުން އިތުރުކޮށްފިއެވެ.
މި ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު މީގެ ކުރިން މި މަހުގެ 31 ގެ ނިޔަލަށް އޮތް ނަމަވެސް، ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މުއްދަތު މިހާރު ޖޫން މަހުގެ 15 ވަނަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
މި މުއްދަތު އިތުރުކުރަން ނިންމި ސަބަބެއް ކަމަށް މިނިސްޓްރީން ވިދާޅުވީ، އަޟްހާ އީދު ބަންދާ ގުޅިގެން ގިނަ ބަޔަކު ރަށުން ބޭރަށް ދަތުރުކުރުމާއި، ސަރުކާރު ބަންދުވުމުގެ ސަބަބުން ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިއުންތައް ހޯދުމުގައި ގިނަ ބަޔަކަށް ދަތިތަކެއް ކުރިމަތިވަމުންދާކަމުގެ ޝަކުވާ ލިބެމުންދާތީ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 15 ކެޓަގަރީއަކުންނެވެ. އޭގެ ތެރޭގައި މާލޭ ރަށްވެހިންނަށް (މާލޭގެ ގޭގޭގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި، ވިލިމާލެ އަދި ދަފްތަރުގައި ހިމެނޭ ފަރާތްތައް ހިމެނޭހެން) 4,000 ފްލެޓް އަދި މާލޭގައި ދިރިއުޅޭ ނަމަވެސް ރަށްވެހިވެފައިނުވާ ފަރާތްތަކަށް 1,500 ފްލެޓް ހިމެނެއެވެ.
ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، މާލޭ ރަށްވެހިންނަށް ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެއިން 10,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ރަސްމާލެއިން 3,000 ގޯތި، މައިމުޅަވުމުގެ ސަބަބުން ބޯހިޔާވަހިކަމުން މަހްރޫމްވެފައިވާ ފަރާތްތަކަށް 500 ގޯތި، އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތައް ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހައުސިން މިނިސްޓްރީން ވަނީ ފޯމު ހުށަހެޅުމުގެ ކުރިން، އެދެން ބޭނުންވާ ސީދާ ސްކީމަށްތޯ ފޯމު ފުރިހަމަކުރެވިފައިވަނީ އަދި ހުރިހާ މައުލޫމާތަކާއި ލިޔެކިއުންތަކެއް ރަނގަޅަށް ހުރިތޯ ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ. މި ހުރިހާ އެޕްލިކޭޝަނެއްވެސް ހުށަހަޅަންޖެހޭނީ ހާއްސަ ޕޯޓަލް މެދުވެރިކޮށެވެ. މި މަޝްރޫޢަކީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ.

