އެމްޑީޕީ ދޫކުރައްވައި ވަޑައިގަަންނަވަން ޖެހުނީ އޭރުގެ ދިމާވި ހާލަތުގެ ސަބަބުންކަމަށާއި، އަރިސް މެމްބަރުންނަށް ފިޔަވަޅު އަޅަމުން ދިޔަ މަންޒަރު ބަލަން މަޑުކުރެވެން ނެތީކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ރައީސް ނަޝީދު ވާދަކުރައްވާއިރު، އެމަނިކުފާނަށް އިދިކޮޅު ޓީމުގެ ފަރާތުން އަމާޒުވާ އެންމެ ބޮޑު ފާޑުކިއުމަކީ 2023 ގެ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީ އެވެ. ޕާޓީއަށް އިންތިހާބު ގެއްލުނީ ރައީސް ނަޝީދުގެ ސަބަބުންކަމަށާއި، އެކަމުގެ ޒިންމާ އެމަނިކުފާނު ނަންގަވަން ޖެހޭނެކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
ކެމްޕެއިނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރައީސް ނަޝީދު އާންމު މެމްބަރުންނާއި ބައްދަލު ކުރައްވާއިރު އެ ބައްދަލުވުމުގައި އާންމު މެމްބަރަކު ވަނީ ޕާޓީން ރައީސް ނަޝީދު ވަކިވެ ވަކީން މަސައްކަތް ކުރެއްވުމަކީ ލިބުނު ހިތާމައެއްކަމަށް ބުނެފަ އެވެ. އަދި އެއީ އެމަނިކުފާނު ހެއްދެވި ގޯހެއްކަމަށް ވެސް އޭނާ ބުންޏެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ އެމަނިކުފާނުގެ މުޅި ހަޔާތް ކަމަށާއި، އެ ޕާޓީ ދޫކޮށްލުމަކީ ދުވަހަކުވެސް ބޭނުންވި ގޮތެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ޕާޓީ ދޫކޮށްލައްވަން ޖެހިވަޑައިގަތީ އޭރުގެ ހާލަތު ހުރިގޮތުން މަޖުބޫރުވެގެން ކަމަށެވެ. އެއަށް ފަހު އެމަނިކުފާނު އިޝާރާތް ކުރެއްވީ 19 ވަނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ސުޕަ މެޖޯރިޓީއެއް ލިބުމަށް ފަހު ދެން ރައީސް ސޯލިހާއި އޮތް ގުޅުން ހީނަރުވެގެން ދާން ފެށުމެވެ. އަދި އެމަނިކުފާނަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާގެ ތަހުގީގު ވެސް ދިޔައީ އެންމެ އެދެވޭ ސްޕީޑެއްގައި ނޫންކަމަށް ވިދާޅުވި އެވެ.
ލަދެއް އަޅުގަނޑުގެ ހުރިއްޔާ އަޅުގަނޑު ދާނެތާ އެހިސާބުން. މިމީހުންނާ އެކީގަ އުޅެނީ. އަޅުގަނޑު ވެސް ގޯސްކަންތައް ކުރީ. އެކަމް ތިބޭފުޅުން ވެސް އަޅުގަނޑަށް މާފަށް އެދެން އަޅުގަނޑު ވަރަށް ބޮޑަށް އެދެން.. ހަމަ އަޅުގަނޑުވެސް އެދެނީ. އަޅުގަނޑު ތިބޭފުޅުންގެ، އަޅުގަނޑު އެދެނީ. އަޅުގަނޑަށްވުރެ ބޮޑަށް ދެރަވާނެ، އަޅުގަނޑަށްވުރެ ބޮޑަށް ދެރަވާނެ މީހަކު ނުހުންނާނެ މި ޕާޓީ ދޫކޮށްލާކަށް.. އަޅުގަނޑު މުޅި ހަޔާތްމީ.. އަޅުގަނޑަށްވުރެ ބިނަ އަނިޔާ ލިބުނު މީހެއްވެސް ނުހުންނާނެ. ގިނަ ދުވަހު މިކަމުގަ އުޅުނު މީހެއްވެސް ނުހުންނާނެ. އަޅުގަނޑު ދުވަހަކުވެސް ބޭނުމެއްނޫން އެމްޑީޕީ ދޫކޮށްލާފަ ދާކަށް.. އެކަމު އަޅުގަނޑަކީސް އުސޫލުތަކެއް ގެންގުޅޭތޯ ބަލާ މީހެއް.
ކުޑައިރުއްސުރެ އެކީގައި އުޅުއްވި ދެ ބޭފުޅުންގެ ގުޅުން ހީނަރުވެގެން ދިޔައީ އެ ހިސާބުންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޭގެ ފަހުން ކޮވިޑުގެ ދަތި ދުވަސްތަކާއި، އެމަނިކުފާނު އަވަހާރަކޮށްލުމަށް ތިން ތަނެއްގައި ބޮން ބަހައްޓައިގެން ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ކަންތައްތައް ހިނގައިދިޔައިރު، އެ ތަހުގީގުތައް ނުނިމި ނުވަތަ ކުރިޔަށް ނުގެންދިއުމުގެ ކަންބޮޑުވުން ހިއްސާ ކުރެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ މި ހާލަތުގެ ތެރޭގައި، އޭރު އެމަނިކުފާނާ ގާތްކޮށް މަސައްކަތް ކުރެއްވި ހަސަން ލަތީފާއި، އީވާ ޢަބްދުﷲ އާއި، އިލްޔާސް ލަބީބް އަދި އަލީ ޢާޒިމް ފަދަ ބޭފުޅުންނާ މެދު ޕާޓީން ފިޔަވަޅު އަޅަން ފެށިކަމަށެވެ. އަދި އެއީ އެމަނިކުފާނާއި ގާތް، އެމަނިކުފާނުގެ ބޭފުޅުންނަށްވާއިރު އެކަން ބަލަން ނުހުރެވުނުކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީއަށް ވެރިކަން ގެއްލުނީ އެމަނިކުފާނު ޕާޓީ ދޫކޮށް ދިއުމުންކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އޭގެ ބަދަލުގައި އެއީ އޭރުގެ ކެންޑިޑޭޓުގެ ކިބައިގައި އެކަން ކުރެވޭނެ ފެންވަރު ނެތުމުން ދިމާވި ކަމެއް ކަމަށާއި، އެމަނިކުފާނު ޕާޓީގައި ހުންނެވި ނަމަ މާ ބޮޑަށް ބަލިވީސްކަމަށް ވެސް ވިދާޅުވިއެވެ.
އަޅުގަނޑު ދިޔައިމާ. ދެން މާފް.. އަޅުގަނޑު ހަމަ މާފަށް އެދެން އިނގޭތޯ.
ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވި އިރު، ރައީސް ސޯލިހު ވަނީ ކެމްޕެއިން އެކި ޖަލްސާތަކުގައި ވެސް އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތަށް ވެސް ވާހަކަ ދެއްކެވި އެވެ.
މީގެއިތުރުން މަޖިލީހުގައި ރައީސް ސޯލިހާއި އަރިސް މެމްބަރުން ރައީސް ނަޝީދަށް ފާޑުކިއުން އަމާޒު ކުރެއްވިއިރު، ރައީސް ނަޝީދުގެ އަރިސް މެމްބަރުން ގެންދެވީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

