ކޮވިޑް-19 ގެ އަލާމާތްތައް ހުރެގެން ރާއްޖޭން މިހާތަނަށް ޓެސްޓްކުރި މީހުންގެ ތެރެއިން ރިސޯޓެއްގެ ދެ މުވައްޒަފަކު އެ ބައްޔަށް ޕޮޒިޓިވް ވެއްޖެއެވެ.
ކޮވިޑް-19 ގެ އަލާމާތްތައް ހުރެގެން ރާއްޖޭން މިހާތަނަށް ޓެސްޓްކުރި މީހުންގެ ތެރެއިން ޅ. ކުރެއްދޫ ރިސޯޓުން ޓެސްޓްކުރި އެތަނުގެ ދެ މުވައްޒަފަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.
ރާއްޖެއިން ދެ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. އެ ރަށަށް އަރާ ފޭބުން އޮތީ ހުއްޓުވާފަ އެވެ. މުޅި ރާއްޖެއަށް އޮތީ މިހާރު ޔެލޯ އެލާޓެވެ.
ދަރުބާރުގައި ބޭއްވި ޕްރެންސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ، މި ހާލަތުގައި ރައްޔިތުން ޕެނިކް ނުވެ، ކެތްތެރިކަމާ އެކު މިކަމާ ކުރިމަތިލައި، އެންމެންނަށް ވެސް ލުއިފަސޭހަވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް ވިދާޅުވެފައެވެ.
އަމީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކޮރޯނާއަށް ޕޮޒިޓިވްވި، ޓޫރިސްޓް ކޮންޓެކްޓްވި އެންމެން ހޯދައި ބަލަން ޖެހޭ ބެލުންތައް ބަލަމުންދާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުރެއްދޫ ރިސޯޓްގައި ތިބި މުވައްޒަފުންގެ އާއިލާތައް ވެސް ބިރު ގަންނަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ. ކުރެއްދޫގައި މިހާރު ތިބި މީހުންނާމެދު އަމަލު ކުރާ ގޮތްތައް ވެސް އާންމު ކުރަމުންދާނެ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ މިރޭ ކެބިނެޓް ބައްދަލުވުމެއް ވެސް ބާއްވާނެ ކަމަށާއި ގޮތްތަކެއް ވެސް ނިންމާނެ ކަމަށެވެ. ރައްޔިތުން ކަންބޮޑުވާން ޖެހޭނެ އެއްވެސް ކަމެއް ނެތް ކަމުގެ ޔަގީންކަން ވެސް އަރުވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ޕްރެންސް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވާ ޑޮކްޓަރުން ވިދާޅުވީ މިހާރު ރާއްޖޭން ބަލި ފެނިފައި ވާތީ، ރާއްޖޭގެ އެހެން ރަށަކުން ވެސް ބަލި ފެނުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެހެންވެ ރޯގާގެ އަލާމާތެއް ފެނިއްޖެ ނަމަ ޑޮކްޓަރަށް ދައްކަންޖެހޭނެ ކަމަށެވެ.

