ކޮރޯނާ ވައިރަސްގެ އަލާމާތްތައް ފެނި، ބަޔަކު ކަރަންޓީން ކުރާއިރު އެކަމުގައި ހަރަކާތްތެރިވާ އޮފިޝަލުން ބޭނުންލުރާ ”ހެޒްމެޓް ސޫޓް“ ބޭނުންވާ ވަރަށް އެބަހުރި ކަމަށާއި، ކުރިޔަށް އޮތްތަނުގައި އިތުރު ކިޓުތައް ހޯދުމުގެ މަސައްކަތް ކުރިޔަށް ދާނެ ކަމަށް ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރު އެމްއެންޑިއެފްއިން ބުނެފިއެވެ.
ނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ރާއްޖޭގައި ދެ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ވައިރަސްއަށް ޕޮޒިޓްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފުންނެވެ. އެޗްޕީއޭއިން އެ މީހުންގެ އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެއެވެ. ރާއްޖެއިން ދެ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. އެ ރަށަށް އަރާ ފޭބުން އޮތީ ހުއްޓުވާފަ އެވެ. މުޅި ރާއްޖެއަށް އޮތީ މިހާރު ޔެލޯ އެލާޓެވެ.
ވައިރަސްއާއި ގުޅިގެން އޮރެންޖެ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހުނު މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ ހާލަތްތަކުގަ އެވެ. އަދި ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.
ކޮރޯނާ ވައިރަސް ރާއްޖޭން ފެނުމާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ވިދާޅުވީ، ރާއްޖޭގައިވެސް ވައިރަސް ހުރި ކަމަށް ޝައްކު ކުރެވޭ މީހުން އެއް ތަނުން އަނެއް ތަނަށް ގެންދާ އިރު ހެޒްމެޓް ސޫޓު ބޭނުން ކުރާ ކަމަށެވެ.
އެމްއެންޑީއެފްގެ ޒިންމާއަކީ، މީހުންގެ ޓްރާންސްޕޯޓުގެ މަސައްކަތް ކަމަށް، އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ސީ އެމްބިއުލާންސްގައި މީހުން އެއްތަނުން އަނެއްތަނަށް ގެނައުން ހިމެނެއެވެ. އެހެން ކަމުން، ކަރަންޓީންއަށް ނުވަތަ އައިސޮލޭޝަންއަށް ޝައްކު ކުރެވޭ މީހާ ގެންދެވޭއިރު ވެހިކަލް އާއި ސީއެމްބިއުލާންސްގެ ޑްރައިވަރު އަދި އޭނާއާއި އެކު ހަރަކާތްތެރިވާ އިތުރު އޮފިޝަލުންނަށް ގިއާ ބޭނުންވާނެއެވެ. އެކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ މިހާރުވެސް އެމްއެންޑީއެފްއިން ހަރަކާތްތެރިވާއިރު ހެޒްމެޓް ގިއާ ބޭނުން ކުރާ ކަމަށެވެ.
ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، މިވަގުތަށް ބޭނުންވާ ހުރިހާ ފެސިލީޓީއެއް ވެސް އެބަހުރި ކަމަށެވެ. އަދި އިތުރު ބައެއް ގައުމުތަކާއި މަޝްވަރާކޮށްގެން ގިއާ ހޯދުމުގެ މަަސައްކަތްތައް ކުރިޔަށް ދާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ، ހާލަތު ބަދަލު ވެއްޖެ ހާލަތެއްގައި ހެޒްމެޓް ސޫޓު އިތުރަށް ބޭނުންވާނެ ކަމަށެވެ. އަދި އިތުރު އިކުއިޕްމެންޓު ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ އެ ސަބަބާއި ހުރެ ކަމަށެވެ.
މީގެ އިތުރުން އެމްއެންޑީއެފްއިން ބުނެފައިވަނީ މި ހާލަތަށް ބޭނުންވާ ހުރިހާ އެހީތެރިކަމަކަށް ތައްޔާރަށް ތިބި ކަމަށެވެ. އަދި އިލްތިމާސްއަކީ މިކަމާ ގުޅޭ ސައްހަ މައުލޫމާތު ނޫނީ އާންމު ނުކުރުން ކަމަށެވެ.
ރާއްޖެއިން ކޮރޯނާ ވައިރަސް ފެނުނީ ޅ. ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފެއްގެ ގައިންނެވެ. އެ ދެ މީހުންގެ ހާލުވެސް ސްޓޭބަލް އެވެ. އެ ދެ މީހުން ގަޔަށް ވައިރަސް އެރީ އެ ރިސޯޓުގައި ހުރެފައި ދިޔަ އިޓަލީ ފަތުރުވެރިއެއްގެ ގައިންނެވެ.

