ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސެއް ށ. ފޯކައިދޫއިން ފަރުކޮޅުފުއްޓަށް މޮނިޓަރކޮށް، ޓެސްޓު ހެދުމަށް ގެނައުމުގެ މަސައްކަތްފަށާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ރާއްޖޭގައި ދެ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ވައިރަސްއަށް ޕޮޒިޓްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފުންނެވެ. އެޗްޕީއޭއިން އެ މީހުންގެ އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެއެވެ. ރާއްޖެއިން ދެ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. އެ ރަށަށް އަރާ ފޭބުން އޮތީ ހުއްޓުވާފަ އެވެ. މުޅި ރާއްޖެއަށް އޮތީ މިހާރު ޔެލޯ އެލާޓެވެ.
ކުރެއްދޫ އައިލޭންޑުގައި ޗުއްޓީ ހޭދަ ކުރި ފަތުރުވެރިޔާ ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ އޭނާ އެނބުރި ގައުމަށް ދިޔަފަހުންނެވެ. އަދި އެކަން އޭނާ އެންގުމާއި އެކު ހައި ކޮންޓެކްޓާއި، ލޯ ކޮންޓެކްޓުތައް ޓްރޭސް ކުރުމުގެ މަސައްކަތް ވެސް ފެށިގެން ދިޔައެވެ. ކުރެއްދޫއަށް އަރާ ފޭބުން މަނާކޮށްފައިވާއިރު، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މުވައްޒަފުންގެ ކަންތައް ވަރަށް ގާތުން ބަލަމުން އަންނަކަމަށް ވަނީ ބުނެފައެވެ.
މިހާރު ކޮރޯނާ ވައިރަސް އެންމެ ގަދައަށް ފެތުރެމުންދާ އެއް ގައުމަކީ އިޓަލީ އެވެ. އެހެންވެ ސަރުކާރުން ވަނީ އިޓަލީއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފަ އެވެ. މިހާރު ރާއްޖޭގައި ތިބި އިޓަލީ މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

