ކޮވިޑް19 އަށް ސްކްރީން ކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާމަލް ކެމެރާ ހަރުކުރުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ލަސްކުރެއްވި ކަމަށް ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ތުހުމަތު ކުރައްވައިފި އެވެ.
މީ މިގޮތަށް ހެލްތު މިނިސްޓަރ އަމީނާއި މެދު އަފީފް ކުރެއްވި ދެވަނަ ތުހުމަތެވެ. މީގެ ކުރިން މިމަހުގެ 4 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓަރ އަމީންގެ މައްޗަށް ތުހުމަތު ތަކެއް ކުރައްވާ، އަފީފް ވިދާޅުވީ ކޮވިޑް19 އަށް ސަރުކާރުން ވަމުންދާ ތައްޔާރީތަކަށް ދިމާވެފައިވާ ހަމައެކަނި ދައްޗަކީ ހެލްތު މިނިސްޓަރު އަމީން ސަރުކާރަށް ކުރާ ޖެއްސުން ކަމަށެވެ.
ސަރުކާރުން ވަމުންދާ ތައްޔާރީގައި ދަތި ކަމެއް އަންނަނީ ހަމައެކަނި ހެލްތު މިނިސްޓްރީން އަންނަ ދަތި ކަމެއް ކަމަށް އަފީފް ވިދާޅުވިއެވެ. އެގޮތުން ޖޭޕީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރު ކަމަށް ވަޑައިގެން ހުންނެވި އަމީން ސަރުކާރަށް ޖެއްސުން ކުރަމުން ދާތީ ދިމާވާ ދަތި ކަމެއް ކަމަށް އަފީފް ވިދާޅުވިއެވެ.
“މިއަދު ވެސް އެސްޓީއޯ އިން ފޭސް މާސްކްތައް ގެންނަން ވެގެން ހެލްތު މިނިސްޓްރީން ކޮންފާމް ނުލިބިގެން އެތަކެތި ނުގެނެވިގެން މި އުޅެނީ، އެހެންވީމަ އެސްޓީއޯ ވެސް، ސަރުކާރު ވެސް، މި ތިބީ މި ކަމަށް ތައްޔާރުވެގެނ. ”މި ކަމަށް އަންނަ ހަމައެކަނި ދައްޗަކީ ހެލްތު މިނިސްޓްރީން އަންނަ ދައްޗެއް، އެއީ ޖުމްހޫރީ ޕާޓީގެ ވަޒީރަކު އެ ތަނުގައި އިންނަވާތީ ޖެއްސުން ކުރަނީ، އެހެންވެ ވާ ގޮތެއް އެއީ، ސާފުވެއްޖެ ދެއްތޯ“ އަފީފް ވިދާޅުވިއެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި، ހެލްތު މިނިސްޓަރ އަމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ރާއްޖެއަށް ކެމެރާތައް ގެނައުން ލަސް ކުރީ އަމީން ކަމަށް އަފީފް ތުހުމަތު ކުރެއްވިއެވެ.
އަފީފް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ކެމަރާ ހަރުކުރެވިފައިވާ ކަމަށް ވަރަށް ފަޚުރުވެރިކަމާއިއެކު މިނިސްޓަރު ވިދާޅުވި އިރު، އެކަން ފެށިއިރު ކެމަރާތައް ނުގެނެސް އެކަން ލަސްކުރެއްވީ މިނިސްޓަރު އަމީން ކަމަށެވެ.
”ވަރަށް ފަހުރުވެރި ކަމާއެކު ހެލްތު މިނިސްޓަރު އެބަ ވިދާޅުވޭ އެއާޕޯޓުތަކުގައި ކެމެރާ އެހެރީ ހަރުކޮށްފައޭ. އެކަމަކު އެމަނިކުފާނު މިތަނަށް ކެމެރާ ގެނައުން ލަސްކުރަން މަސައްކަތް ކުރައްވާފައި އޮތީ ފުރަތަމަ އެކަންތައް ފެށި އިރު، އަޅުގަނޑުމެންގެ ތެރޭގައި ތިބެގެން މި ސަރުކާރަށް ޖެއްސުން ކުރާ މީހެއް އޭނައަކީ. ހަމަ ކަނޑައެޅިގެން އަޅުގަނޑު މި ދަންނަވަނީ ޖެއްސުން ކުރާ މީހެކޭ އޭނައަކީ. އަޅުގަނޑުމެން އެބަޖެހޭ އޭނައާ ދޭތެރޭ ވިސްނަން. ސަރުކާރުން ރައީސް ވެސް އެބަޖެހޭ އޭނައާ ދޭތެރޭ ވިސްނަން“ އަފީފް ވިދާޅުވި އެވެ.
މީގެ އިތުރުން އަފީފް ވިދާޅުވީ މި ސަރުކާރުގެ މިނިސްޓަރަކަށް ވިޔަސް، ގޯސްކޮށް ކަމެއް ކުރާނަމަ އެވާހަކަ ދައްކާނެ ކަމަށާއި އެކަން ބަލަން ޖެހޭނެ ކަމަށެވެ. އަމީނާއި ގުޅޭގޮތުން ވާހަކަ ދައްކަވަނީ އެކަމުގެ ސައްޙަ މައުލޫމާތު ހުރެގެން ކަމަށާއި އެހުރިހާ ކަމެއްގެ މައުލޫމާތު އެނާގެ އަތުގައި ހުރި ކަމަށް އަފީފް ވިދާޅުވިއެވެ.
ހޯމަ ދުވަހުގެ ޖަލްސާގެ އިތުރުން މަޖިލީހުގެ އެހެން ޖަލްސާއެއްގައިވެސް ހެލްތު މިނިސްޓްރީން ކުރަމުންދާ މަސައްކަތް ބައްލަވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށް އަފީފް ވިދާޅުވެފައިވެއެވެ. މިނިސްޓަރު އަމަލު ކުރައްވަމުން ގެންދަވަނީ ރައީސް އަންގަވާފައިވާ ގޮތަށްތޯ ބައްލަވަން ޖެހޭ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ސްކްރީން ކުރުމަށް އެއާޕޯޓުގައި ހަތް ތާމަލް ކެމެރާ ހަރުކޮށްފައި އެބަހުއްޓެވެ. އެކެމެރާތައް ގެނައުމަށް ހެލްތު މިނިސްޓަރު އަމީން ހުރަސް އެޅުއްވި ކަމުގެ ތުހުމަތުތައް ކުރެވިފައިވެއެވެ.
އެގޮތުން ކަމާއި ގުޅުންހުރި އެހެން ”އާލާތްތައް“ ހޯދުމުގައި، އެކަށީގެންވާ ވަގުތު ނުދީ ފްރީ ބިޑިންގ އަށް ހުޅުވާލުމަށްފަހު ޖެހިގެން އަންނަ ދުވަހަށް އަގުތައް ހުށަހެޅުމަށް އެންގުމާއި، ބިޑްގައި ބައިވެރިވާ ފަރާތްތަކުން އަގުތައް ހުށަހެޅުމުން، އެ ބިޑްތައް ކެންސަލް ކުރައްވުންފަދަ ކަންކަން ކުރައްވާފައިވާ ކަމުގެ ތުހުމަތުތައް ކުރެވިފައިވެއެވެ.

