ދަޢުލަތުގެ ބަޖެޓަށް ބޮޑު ބުރައަކަށް ވެފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) ހިންގުން ހަރުދަނާކޮށް، މާލީ ދަރަނި ކުޑަކުރުމަށްޓަކައި ސަރުކާރުން ބޮޑެތި އިޞްލާޙީ ބަދަލުތަކެއް ގެންނަން ފަށައިފިއެވެ. މި ފިޔަވަޅުތަކަކީ ކުންފުނިތަކުގެ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އަޅާ މުހިންމު ފިޔަވަޅުތަކެކެވެ.
މޯލްޑިވްސް ފައިނޭންޝިއަލް ރިވިއުއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް 30 ކުންފުނީގެ ތެރެއިން 14 ކުންފުންޏަކުން ވަނީ ގެއްލުން ރިޕޯޓްކޮށްފައެވެ. މި ކުންފުނިތައް ހިންގުމަށްޓަކައި އެ ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރުން 1.2 ބިލިއަން ރުފިޔާ ހަރަދުކުރަން ޖެހުނުއިރު، 2023 ވަނަ އަހަރު ކުންފުނިތަކަށް ދިން ސަބްސިޑީގެ އަދަދު ވަނީ 4.95 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.
ކުންފުނިތަކުން ދައުލަތަށް ޑިވިޑެންޑްގެ ގޮތުގައި ލިބޭ އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު 36 އިންސައްތަ ދަށަށް ގޮސްފައިވާއިރު، އެސްއޯއީތަކުގެ ޖުމްލަ ދަރަނި މިހާރު ވަނީ 125 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން ގިނަ ލޯނުތަކަކީ ދަޢުލަތުން ގެރެންޓީ ދީފައިވާ ލޯނުތަކަށް ވުމުން، މިއީ 2026 ވަނަ އަހަރު ކުރިމަތިވާނެ އިޤްތިޞާދީ ގޮންޖެހުންތަކާ ގުޅިފައިވާ ނާޒުކު މައްސަލައެކެވެ.
މި ނާޒުކު ހާލަތުގައިވެސް އެމްއޭސީއެލް އަދި ބީއެމްއެލް ފަދަ ކުންފުނިތަކުން ދަނީ ބޮޑު ފައިދާއެއް ހޯދަމުންނެވެ. އެގޮތުން 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްއޭސީއެލް އަށް 571.8 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާއިރު، ބީއެމްއެލް އިން 2023 ވަނަ އަހަރު 2,074 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދާފައިވެއެވެ. ނަމަވެސް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ފާހަގަކޮށްފައިވާ ގޮތުގައި 63 އިންސައްތަ ކުންފުނިތަކުގެ ހާމަކަން ހުރީ 40 އިންސައްތައަށްވުރެ ދަށުގައެވެ.
މި މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން މިހާރު ވަނީ ބައެއް ކުންފުނިތައް އެއްކޮށްލުމުގެ މަސައްކަތް ފަށާފައެވެ. މީގެ ތެރޭގައި ބީސީސީ، ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާ އެއްކޮށްލުމާއި، އެފްޑީސީ، އެޗްޑީސީގެ ދަށަށް ބަދަލުކުރުން ހިމެނެއެވެ. މީގެ އިތުރުން، ކުންފުނިތަކުން ލޯނު ނެގުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް އުސޫލުތައް ވަނީ ހަރުދަނާކޮށްފައެވެ.
ސަރުކާރުން މިހާރު ދަނީ ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ”މޯލްޑިވްސް ކޮމްޕެޓިޓިވްނަސް އެންޑް ގްރޯތް ޕްރޮޖެކްޓް“ މެދުވެރިކޮށް ކުންފުނިތަކުގައި އަމިއްލަ ފަރާތްތަކުގެ ހިއްސާ އިތުރުކުރުމާއި، ހިންގުން ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންނެވެ. މި ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ މާލީ މިނިވަންކަން އިތުރުވެ، ދަޢުލަތުގެ ބަޖެޓަށް އޮތް ބުރަ ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.

