ތިލަފުށީގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ ބަނދަރުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކްލިއަރަންސް ސަރަހައްދުގެ 100 މީޓަރުގެ ކީ-ވޯލް (މަގަތު ފާލަން) އެޅުމާއި، އެ ސަރަހައްދު ޕޭވްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ކެޕްޓަން ހުސެއިން ޝަރީފެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑީއެސްޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއެވެ.
ޖުމްލަ 154 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 100 މީޓަރުގެ ކީ-ވޯލް ތަރައްޤީކުރުމާއި، 6,775 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވިންގ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ ތެރެއިން ކީ-ވޯލް އެޅުމުގެ މަސައްކަތަށް އެކަނި 18 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެމްޕީއެލް އިން މަޢުލޫމާތު ދެއެވެ.
އެ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެ ސަރަހައްދަކީ މިވަގުތު ތިލަފުށި ބަނދަރުގެ ކްލިއަރަންސް އޮޕަރޭޝަންތަކަށް ބޭނުންކުރުމަށް ތަރައްޤީކުރާ ސަރަހައްދެއް ނަމަވެސް، މުޅި މަޝްރޫޢު ނިމުމުން އެ ސަރަހައްދު ބޭނުންކުރާނީ އެމްޕީއެލްގެ އުޅަނދުތަކަށް ޚާއްސަ ”ސަރވިސް ކީ“ އެއްގެ ގޮތުގައެވެ.
އެ ސަރަހައްދުގެ މަސައްކަތް ނިމި، އޮޕަރޭޝަންތައް ފެށުމުން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލުން ކަނޑުމަގުން މުދާ ކްލިއަރކުރުމުގެ ބޮޑު ބައެއް ތިލަފުއްޓަށް ބަދަލުކުރެވޭނެއެވެ. އެއީ މިހާރު މާލެ އާއި ހުޅުމާލޭގެ ބަނދަރުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި އެހެނިހެން ގޮންޖެހުންތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށް އެމްޕީއެލްއިން ދެކެއެވެ.
އެމްޕީއެލްގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް ތިލަފުށި ބަނދަރުގެ ޚިދުމަތް ރަސްމީކޮށް ފަށައި، މާލޭ ވިޔަފާރި ބަނދަރުގެ ހުރިހާ އޮޕަރޭޝަންތަކެއް އައު ބަނދަރަށް ބަދަލުކުރުމެވެ. އެ މަޝްރޫޢުގެ ފޭސް 1 ގެ ޑިޒައިން އަދި ސާރވޭގެ މަސައްކަތްތައް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީއެޗްއީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާއިރު، އެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.

