ރާއްޖެއިން ކޮރޯނާ ވައިރަސްއަށް ޕޮޒިޓީވް އަށް މީހަކު ފެނި، ސިއްހީ ނުރައްކަލުގެ ހާލަތު ރާއްޖޭގައި މިއަދު އިއުލާން ކުރުމާ އެކު، އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 18 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.
މީގެ ކުރިން އޮތީ އިބްތިހާބު އޭޕްރިލް 4 ގައި ބާއްވާ ގޮތަށެވެ. އެހެން ނަމަވެސް، ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ބޮޑު ބަލިމަޑުކަމަކަށް ބަދަލުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިއުލާނުކޮށްފައެވެ. އަދި މި ވައިރަސްގެ ޕޮޒިޓިވް އަށް ކޭސް ފެނިފައިވާއިރު، ރާއްޖެއަށް ވެސް ވައިރަހުގެ ސަބަބުން އޮތް ނުރައްކާ ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.
އެގޮތުން ސަރުކާރުން މިއަދު ވަނީ މުޅި ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. އެ ހާލަތު މުޅި ރާއްޖެއަށް އިއުލާން ކުރީ 30 ދުވަހުގެ މުއްދަތަކަށެވެ. އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގައި ބުނާ ގޮތުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރެވޭނީ އާންމު ސިއްހަތައް ނުރައްކާވާފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ޑިރެކްޓާ ޖެނަރަލަށް ފެނިއްޖެ ހިނދެއްގައި އެކަމުގެ ނުރައްކާ ކުޑަކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅަން މިނިސްޓަރަށް ލަފާދޭ ޖެހޭ ހާލަތުގަ އެވެ.
ވައިރަސް އާއި ގުޅިގެން އާއްމު އެއްވުންތައް ނުބޭއްވުމަށް ގޮވާލަމުންދާއިރު، ކިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދަނިކޮށް ސްކޫލުތައް ހުޅުވުން ވެސް ވަނީ އެއް ހަފްތާއަށް ފަސްކޮށްފައެވެ.
އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ގޮވާލަމުން ދިޔަ ނަމަވެސް، އީސީން ބުނެފައިވަނީ އެކަން ކުރެވޭނީ ގާނޫނުގައި ވާ ގޮތުގެ މަތީން ކަމަށެވެ. އަދި ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ވުރެ، އިންތިހާބު ފަސް ކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެން ނުވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބު ފަސް ކުރަން ނިންމެވީ ކޮރޯނާ ވައިރަސް އާ ގުޅިގެން މިހާރު ގައުމުގައި އޮތް ހާލަތު ބެލުމަށް ފަހު ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބު ފަސް ކުރަން ނިންމެވީ ކޮރޯނާ ވައިރަސް އާ ގުޅިގެން މިހާރު ގައުމުގައި އޮތް ހާލަތު ބެލުމަށް ފަހު ކަމަށެވެ. އަދި އިންތިޚާބު ބާއްވަން ކަނޑައެޅި އޭޕްރިލްގެ 18 އަކީ ގާނޫނުގެ ތެރެއިން އެކަން ކުރަން ލިބޭ އެންމެ ފަހު ދުވަސްގެ ގޮތުގައި ޝަރީފް ފާހަގަކުރެއްވިއެވެ. އެ ތާރީހު އިތުރަށް ފަސް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ނުވަތަ ކޯޓު އަމުރަކުންކަމަށް ޝަރީފް ވިދާޅުވިއެވެ.
އިންތިހާބުގެ ތައްޔާރީތަކަށް ކޮންމެވެސް ވަރަކަށް އަލިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ އިންތިޚާބު ފަސްކުރިއިރު، މިވަގުތު ނުނިމި ހުރި ހަމައެކަނި މަސައްކަތަކީ ވޯޓު ކަރުދާސް ޗާޕްކުރުމާއި ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި ޑިސްޕެޗް ކުރުން ކަމަށެވެ.
އިންތިހާބުގެ ތާރީހަށް އައި ބަދަލާއި އެކު، ގެންނަންޖެހޭ އިސްލާހުތަކާއި ގުޅޭގޮތުން ޝަރީފް ވިދާޅުވީ، އެ ދުވަހާ ހަަމަށް 18 އަހަރު ފުރޭ މީހުންގެ ލިސްޓު އެކުލަވާލަން ޖެހޭނެ ކަމަށެވެ. އެހެން ކަމުން، އަލުން އަލުން ރަޖިސްޓްރޭޝަނަށް ހުޅުވާލަންޖެހޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އިންތިހާބު ފަސްކޮށްފައިވާއިރު މީގެކުރިން އީސީން ވަނީ އިންތިހާބު ފަސް ކުރާނެ ހާލަތެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ބުނެފަ އެވެ. އަދި އެކަމާ ގުޅިގެން ކޮމިޝަނަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވެގެން ދިޔައެވެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ މެންބަރުން ވެސް ވަނީ އިންތިހާބު ފަސްކުރުމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ.

