އއ. ތޮއްޑޫގައި ނަމާދުަ ވަގުތުތަކުގައި ކުޅިވަރު ކުޅުން ހުއްޓުވުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
އއ. ތޮއްޑޫ ކައުންސިލުން އެ ރަށުގެ ކުޅިވަރު ކުޅޭ މައިދާންތަކާއި މުނިފޫހިފިލުވާ މަރުކަޒުތައް ނަމާދު ވަގުތުތަކުގައި ބަންދުކުރުމަށް ނިންމާފައިވަނީ އިއްޔެއެވެ.
ތޮއްޑޫ ކައުންސިލުން އެގޮތަށް ނިންމާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ނަމާދު ގަޑިތަކުގައި ސަރުކާރުން ހިންގާ ކުޅިވަރު ކުޅޭ ތަންތަނުގައި ކުޅިވަރު ނުކުޅެ މެދުކަނޑާލަން ޖެހޭ ގޮތަށް ސިޔާސަތު ބަދަލުކުރައްވާނެކަން އިއުލާނުކުރައްވައިފައެވެ.
ކައުންސިލުން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން ކޮންމެ ނަމާދު ވަގުތެއްގައި 30 މިނެޓަށް ކުޅިވަރު ކުޅޭ ތަންތަން ބަންދުވާނެއެވެ. މީގެ އިތުރުން ކޮންމެ ދުވަހެއްގެ އިރުއޮއްސި 18:00 އިން ރޭގަނޑު 20:00 އަށް، އަދި ހުކުރު ދުވަސްދުވަހުގެ ހެނދުނު 10:30 އިން މެންދުރުފަހު 14:00 އަށް ހުރިހާ ވަސީލަތްތަކެއް ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ނިންމުންތައް ތަންފީޒުކޮށް، ކުޅިވަރު ވަސީލަތްތައް މޮނިޓާކުރުމުގެ ޒިންމާ ކައުންސިލުން ހަވާލުކޮށްފައިވަނީ އެ ރަށުގެ ޔޫތު އެސޯސިއޭޓް އައްޒާމް އަހުމަދާއި ސ. ސްޕޯޓްސް ކައުންސިލަރު މުހައްމަދު މާޒިންއާއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވަނީ، ދިވެހީންނަކީ ހުރިހާ މާނައެއްގައި ވެސް އިސްލާމްދީނާއި ގާނޫނުއަސާސީގެ ހަމަތަކަށް އަމަލީ ގޮތުން ތަބާވާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އެގޮތުން ކުޅިވަރުގެ މައިދާނުގައި އުޅޭއިރު، ނަމާދު ގަޑި ޖެހިގެން ދާއިރުވެސް ކުޅިވަރު ކުޅުމުގައި ތިބުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ގެނައުމަށް ހަމަޖެހިފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި އަލަށް ބިނާކުރާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި، އެކުވެނި ފަދަ ކުޅިވަރު ކުޅޭ މައިދާންތަކުގައި ވުޟޫކޮށް ނަމާދު ކުރެވޭނެ އިންތިޒާމުތައް ގާއިމުކުރުން ހިމެނެއެވެ. އޭގެ އިތުރުން، ބަންގި ގޮވާ ގަޑިން ފެށިގެން ގާތްގަނޑަކަށް 20 މިނެޓުގެ ވަގުތުކޮޅަކަށް ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ވެސް ހިމެނެއެވެ.

