ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖޭންވެސް ފެނިފައިވާއިރު، އެ ބަލިން ރައްކާތެރިވުމަށް ރާއްޖޭން ކުރާ މަސައްކަތްތައް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދޮތުން ތިން މަސް ދުވަހަށް ފުދޭ މިންވަރަށް ދިވެހިރާއްޖެއަށް ބޭނުންވާ ބޭހުގެ ބާބަތްތައް ހިލޭ ދިނުމަސް އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
ކޮރޯނާ ވައޮރަސްއާ ގުޅިގެން ދިވެހި ގައުމާ މުހާތަބް ކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޭހުގެ ސާމާނުވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމްތައް މިހާރު ހުރީ ހަމަޖެހިފައި ކަމަށާއި އެގޮތުން ރާއްޖެއަށް ތިން މަސްދުވަހަށް ފުދޭ މިންވަރަށް، ބޭހުގެ އެހީ ފޯރުކޮށްދޭން އަވައްޓެރި އިންޑިޔާއިން މިހާރު ނިންމާފައިވާ ކަމަށެވެ. ހަމައެހެންމެ
ކޯވިޑް19 އަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށާއި ނަމަވެސް މިއީ ކަންބޮޑުވެ ހާސްވާންވީ ވަގުތެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވަނީ މިއީ ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާއެކު، ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށް ވިދާޅުވެފައެވެ.
އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް އެގައުމުގެ ސިއްހީ މާހިރުންނާއި ހިދުމަތްތެރިންގެ ޓީމެއް ރާއްޖެ ފޮނުވުމަށް ނިންމާފައެވެ. އޭގެތޭގައި ތަފާތު އެކި ބަލިތަކަށް ފަރުވާ ދޭ ސްޕެޝަލިސްޓު ޑޮކްޓަރުން ވެސް ހިމެނެއެވެ. އެގޮތުން ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި ހޭނެއްތުމަށް ހާއްސަ ޑޮކްޓަރުންގެ އިިތުރުން ފިޒީޝަނުން އަދި ލެބްޓްރީ ޓެކްނީޝަނުންގެ ޓީމެއް ރާއްޖެއަށް ފޮނުވުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައެވެ.
މިއާއެކުގައި އެގައުމުން ވަނީ އެހެން ގައުމުތަކަށް އެތެރެ ކުރުމަށް މެދުކަނޑާލާފައިވާ ބޭސްތައް ވެސް ރާއްޖެއަށް އެތެރެ ކުރުމަށް ނިންމާފައެވެ. އެ ބޭސްތަކަކީ ކޮވިޑް19 އަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭސްތަކެކެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާއިން އެކްސްޕޯޓު ކުރުން މަނާ ކޮށްފައިވާ އެ ބޭސްތައް ރާއްޖެއަށް ހަދިޔާ ކުރުމަށް ނިންމީ އިންޑިއާ އަދި ރާއްޖެއާ އޮންނަ ގާތް ގުޅުމުގެ ސަބަބުން ކަމަށެވެ.
ހަމައެއާއެކުގައި އިންޑިއާ ސަރުކާރުން ވެސް ވަނީ ބައެއް އެހެން ގައުމުތަކެކޭ އެއްގޮތަށް ކޮވިޑް19 ގެ ސަބަބުން އެގައުމަށް އެހެން ގައުމުތަކުން އެތެރެވާ މީހުންނަށް އޮން އެރައިވަލް ވިސާ ދޫކުރުން މަޑުޖައްސާލަފައެވެ. ނަމަވެސް ދިވެހިންނަށް އެކަމުގައިވެސް ވަނީ ލުއި ގޮތްތަކެއް ކަނޑައަޅާފައެވެ.

