ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ރާއްޖޭގައި ހުންނަ ބިދޭސީ މިޝަންއެއްގެ މައްޗަށް ދައުވާ އުފުލައިފި ނަމަ، އެދައުވާއެއް އެ އުފުލެނީ އެ ބިދޭސީ ދައުލަތުގެ މައްޗަށް“

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

”ރާއްޖޭގައި ހުންނަ ބިދޭސީ މިޝަންއެއްގެ މައްޗަށް ދައުވާ އުފުލައިފި ނަމަ، އެފަދަ ދައުވާއެއް އެ އުފުލެނީ ސީދާ ގޮތެއްގައި އެ ބިދޭސީ ދައުލަތުގެ މައްޗަށް ކަމަށާއި އެހެން ކަމުން ރާއްޖޭގައި ހުންނަ ބިދޭސީ މިޝަންތަކުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ. 

ސުޕްރީމް ކޯޓުން އެގޮތަށް ނިންމީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ދިރިއުޅުއްވުމަށް ކުއްޔަށް ހިފި އިމާރާތެއްގެ އެއްބަސްވުމުގެ މައްސަލާގައި އެ ގޭގެ ވެރިފަރާތުން އިންޑިއާ ހައި ކޮމިޝަނާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލާގައި ސިވިލް ކޯޓުން ނިންމާފައިވަނީ ބައިނަލްއަގްވީ މުއާހަދާތަކުގެ ދަށުން ޑިޕްލޮމެޓިކް އިމްތިޔާޒް ލިބިގެންވާ ފަރާތްތަކާ ދެކޮޅަށް ދައުވާ ނުކުރެވޭނެތީ އެ މައްސަލަ ނުބެލޭނެ ކަމަށެވެ.

ނަމަވެސް ހައި ކޯޓުން ނިންމާފައިވަނީ ރާއްޖެ ބައިވެރިވެފައިވާ މުއާހަދާއެއް ކަމަށްވާ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްގެ ދަށުން ޑިޕްލޮމެޓިކް އިމްތިޔާޒް ލިބޭނީ ޑިޕްލޮމެޓިކް އޭޖެޓުންނަށް ކަމަށާއި އިންޑިއާ ހައި ކޮމިޝަނާ ދެކޮޅަށް ދައުވާ ކުރުމަކީ ޑިޕްލޮމެޓިކް އޭޖެންޓަކާ ދެކޮޅަށް ދައުވާކުރުން ނޫން ކަމަށް ވާތީ އެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ. 

ހައިކޯޓުގެ އެ ނިންމުން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުގެ ނިންމުން ބާތިލްކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ރާއްޖޭގައި ހުންނަ ބިދޭސީ މިޝަންއެއްގެ މައްޗަށް ދައުވާ އުފުލައިފި ނަމަ، އެފަދަ ދައުވާއެއް އެ އުފުލެނީ ސީދާ ގޮތެއްގައި އެ ބިދޭސީ ދައުލަތުގެ މައްޗަށެވެ. އެ ދައުލަތް ތަމްސީލުކުރަން އެ މިޝަންގައި އެންމެ އިސްކޮށް ހުންނާނީ އެ ގައުމަކުން ދިވެހިިރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ކަމަށާއި އެ ފަރާތަކީ އެ ސަރުކާރުގެ ނުވަތަ އެ ދައުލަތުގެ ބޭނުމަށް ކުރާ ކަންކަމާ ގުޅޭގޮތުން ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން އިމްތިޔާޒް ލިބިގެންވާ ފަރާތްތަކެއް ކަން އެނގޭ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ. 

ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން ބައިނަލްއަގްވާމީ މުއާހަދާތަކަށް އަމަލުކުރުން ރައްޔިތުންގެ މައްޗަށް ލާޒިމްވަނީ އެކަމާ ބެހޭ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުން ކަމަށް ވެފައި ވިއެނާ ކޮންވެންޝަނާ ބެހޭ ގާނޫނެއް ނެތުމުން އެ މައްސަލަ ކޯޓަށް ބެލޭނެ ކަމަށް ހައި ކޯޓުން ނިންމިިޔަސް، އެ މުއާހަދާއަށް އަމަލު ކުރަން ކޯޓުތަކުގެ މައްޗަށް ލާޒިމްވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ސަބަބެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ، ވިއެނާ ކޮންވެންޝަންގައި ރާއްޖޭން ބައިވެރިވެފައިވަނީ މިހާރު އަމަލުކުރާ ގާނޫނު އަސާސީ އައުމުގެ ކުރިން ކަމަށް ވާތީ އޭރު އޮތް ގާނޫނީ ނިޒާމުގެ ތެރެއިން ރާއްޖޭން އެ މުއާހަދާގައި ބައިވެރިވެފައިވާތީ ކަމަށެވެ. އަދި ދައުލަތުން އެއަށް އަމަލުކުރުން ލާޒިމްވުމުން އޭގެ ތެރޭގައި ކޯޓުތައް ވެސް ހިިމެނޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

މީގެއިތުރުން މައްސަލާގައި ކުލީގެ އެއްބަސްވުމުގައި ސޮއި ކުރިއިރު، އެ އިމްތިޔާޒް ދޫކޮށްލަން އިންޑިއާ އިން އެއްބަސްވެފައި ނެތް ކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ. 

ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ދައުލަތްތަކުގެ މައްޗަށް އޮންނަ ޒިންމާތަކާ ދުރަށް ނުދެވޭނެ ކަމަށާއި އަދި ގައުމެއްގައި ވަކި ކަމަކަށް ގާނޫނެއް ނެތުމަކީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ކުރަންޖެހޭ ކަމެއް ނުކުރެވޭނެ ކަމެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ. އެކަންކަން ފާހަގަކޮށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވަނީ އެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުން ބާތިލްކުރާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: