ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް އެކްސްކާޝަނަށް ދިއުން މިހާރުން ފެށިގެން ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.
އެކަމާއި ގުޅޭގޮތުން އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށަށް އެކްސްކާޝަނަށް ދިއުމާއި މީހުން ދިރިއުޅޭ ރަށްރަށުން ފަތުރުވެރިން ރިސޯޓުތަކަށާއި ސަފާރީތައްފަދަ ތަންތަނަށް އެކްސްކާޝަންއަށް ދިޔުން މިހާރުން ފެށިގެން ހުއްޓާލުމަށް އެދޭ ކަމަށެވެ.
އަދި މިހާލަތުގައި ބަލި ކޮންިޓްރޯލް ކުރަން އަޅަމުންދާ ފިޔަވަޅުތަކަށް އާންމު ފަރުދުންނާއި، ކުންފުނިތަކުންނާއި، ފަތުރުވެރިން ސަމާލުވެ އެންގުތަކާއި އެއްގޮތަށް އަމަލުކުރުމަށް ވެސް އެެ ބަޔާނުގައި އެ އިދާރާއިން ވަނީ އެދިފައެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ބޮޑު ބަލިމަޑުކަމަކަށް ބަދަލުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިއުލާނުކޮށްފައެވެ. އަދި މި ވައިރަސްގެ ޕޮޒިޓިވް އަށް ކޭސް ފެނިފައިވާއިރު، ވައިރަހުގެ ސަބަބުން އޮތް ނުރައްކާ ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އަދި ސަރުކާރުން ވަނީ ވައިރަސް ފެތުރިޔަ ނުދިނުމަށްޓަކާ މުހިންމު ނިންމުންތަކެއް ނިންމާ، ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ.

