މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރާހާއިގުޅިގެން، ސުކޫލުތަކުގެ ކިޔެވުން ވަގުތީގޮތުން މެދުކަނޑާލައިފައިވީ ނަމަވެސް، މި ފެށޭ ހަފްތާގައި ޕީއެސްއެމްގެ ޗެނަލްއަކުންނާއި ޔޫޓިއުބް މެދުވެރިކޮށް ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދެވޭނެ އިންތިޒާމުކުރެވިފައިވާކަމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކުރައްވައިފިއެވެ.
މި ގޮތުން، އެޑިޔުޕޭޖްއާއި ގޫގުލް ކްލާސްރޫމާއި، ޓެޑް-އެޑް ފަދަ ވަޞީލަތްތައް މެދުވެރިކޮށް އިންޓަރެކްޓިވް ސެޝަންތައް ކުރިއަށްގެންދެވޭނެކަމަށާއި، އެކަމަށް ޚާއްސަކުރެވިފައިވާ އިތުރު ރިސޯސްތައް، ވެބްޕޯޓަލްއާއި ގޫގުލް ޑްރައިވް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ރޭ އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައިވެއެވެ.
މީގެ އިތުރުން، ގުރޭޑް ދިހައެއްގައި ކިޔަވާ ދަރިވަރުންގެ ފިލާވަޅުތަކާއި، އޭ.އެސް އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންގެ ފިލާވަޅުތައް، 15 މާޗުން ފެށިގެން، ފޯރުކޮށްދޭނެކަމަށާއި، އެހެނިހެން ގުރޭޑްތަކުގެ ފިލާވަޅުތައް ތައްޔާރުކުރަމުން އަންނަކަމަށް ވެސް، އެ މިނިސްޓްރީގެ ނޫސްބަޔާނުގައިވެއެވެ.
ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން 15/03/2020 އިން، 19/03/2020 އަށް ސުކޫލުތަކުގެ ކިޔެވުން ވަގުތީގޮތުން މެދުކަނޑާލައިފައިވާއިރު، ގިނަ ޢަދަދަކަށް މީހުން ޖަމާވެއުޅޭ ތަންތަން މިހާރުވަނީ ބަންދުކޮށްފައެވެ.

