ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީ އިލެކްޝަންސް ކޮމިޝަނުން އުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައިވަނީ ދަ ޑިމޮކްރެޓްސް އުވާލީ އެޕާޓީގައި 3000 މެންބަރުން ހަމަނުވާތީ ކަމަށެވެ. އީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ ޕާޓީގައި ތިބީ 2952 މެންބަރުންނެވެ. އީސީއިން ނެރުނު ބަޔާނުގައިވަނީ ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3000 މެންބަރުން ހަމަވެފައިނުވާތީ 3 ޖޫންއިން ފެށިގެން ސިޔާސީ ޕާޓީތަކުގެ ދަފުތަރުން ޑިމޮކްރެޓްސް އުނިކޮށްފައިވާ ކަމަށެވެ.
ޑިމޮކްރެޓްސްގެ އިތުރުން މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ވެސް ވަނީ އުވާލައިފައެވެ. އެ ޕާޓީ ވެސް އުވާލީ މެންބަރުން ހަމަނުވެގެންނެވެ. އެމްއެލްއެސްޑީޕީ އުފައްދާފައިވަނީ، 20 ޖެނުއަރީ 2019ގައެވެ. އަދި މިއަދާއި ހަމައަށް ޕާޓިގައި ތިބީ 1710 މެންބަރުންނެވެ.
ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އުވާލިއިރު، މީގެ ކުރިން އެއްފަހަރު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އުވާލައިފައެވެ. ނަމަވެސް އޮކްޓޯބަރު، 2025، ގައި ސިވިލް ކޯޓުން ވަނީ ކޮމިޝަނުގެ އެ ނިންމުން ބާތިލުކޮށްފައެވެ.
ދަ ޑިމޮކްރެޓްސްއަކީ ކުރީގެ ރައީސް ނަޝީދު އެމްޑީޕީއިން ވަކިވެވަޑައިގެން ޖުލައި، 2023 އުފެއްދެވި ޕާޓީއެކެވެ. ނަމަވެސް، ނަޝީދު މިހާރު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އަދި އެމަނިކުފާނު ގެންދަވަނީ އެ ޕާޓީގެ ޗެއާޕާސަންކަމަށް ކުރިމަތިލައްވައި ކެމްޕެއިން ކުރައްވަމުންނެވެ.
ދި ޑިމޮކްރެޓްސް އަދި އެމްއެލްއެސްޑީޕީ އުވާލުމާއި ގުޅިގެން މިވަގުތު ރާއްޖޭގައި އޮތީ 7 ސިޔާސީ ޕާޓީއެވެ.

