ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނީގެ ތެރެއިން އެއް ބިލިއަނެއްހައި ޑޮލަރު އަނބުރާ ދައްކަވައި ގައުމު ސަލާމަތްކުރެއްވީތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ކުރީގެ ތިން ރައީސުން ޝުކުރު އަދާކުރަން ކެރިވަޑައިގަންނަވާނެނަމައޭ ހިތަށް އަރާކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙު ވިދާޅުވެއްޖެއެވެ.
ފަލާހު މިފަދައިން ވިދާޅުވީ ދިވެހިރާއްޖެއިން އަދާކުރަން އޮތް ބޭރުގެ ދަރަނީގެ ބޮޑު މިންވަރެއް ފާއިތުވި އޭޕްރީލުމަހު ސަރުކާރުން ދައްކައި ހަލާސްކުރުމާ ގުޅިގެން، ރާއްޖޭގެ ކްރެޑިޓް ރޭޓީން ”ސީސީ“ ގިންތިން ”ސީސީސީ-”ގެ ގިންތިއަށް މަތިކުރުމަށް ފިޗް ރޭޓިންސް އެޖެންސީން ނިންމުމާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ.
ފަލާހު ސިފަކުރެއްވި ގޮތުގައި ރައީސް ޑރ. މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރާއްޖެއަކީ ކުރީގެ ވެރިންގެ އިހުމާލާއި ނާގާބިލުކަމުގެ ސަބަބުން ސަލާމަތްނުވާނެފަދަ ނުބައި ނުރައްކާތެރި ހާލަތަކަށް ވެއްޓިފައި އޮތް ގައުމެކެވެ. އޭނާ ވިދާޅުވީ އެ ހާލަތަށް ރާއްޖެ ގެންދެވީ ރާއްޖޭގެ ވެރިކަން ކުރިން ކުރެއްވި ބޭފުޅުން ކަމަށެވެ.
އެފަދަ ނުރައްކާތެރި ހާލަތެއްގައި އޮއްވައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން ދިވެހިރައްޔިތުންނަށް ގައުމު އަނބުރާ ހޯއްދަވައިދެއްވިކަން ފާހަގަކުރައްވަމުން ފަލާހުވަނީ ރައީސް ޑރ. މުޢިއްޒަށް ”ފަށްފަށުން“ މަރުހަބާ ވިދާޅުވެ ޝުކުރު އަދާކުރައްވާފައެވެ.
ފަލާހު ވިދާޅުވީ ކުރީގެ ރައީސުންކަމަށްވާ ރައީސް މުޙައްމަދު ނަޝީދާއި، ރައީސް އަބްދުﷲ ޔާމީނާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތިއްބެވީ އެބޭފުޅުންގެ ވެރިކަމުގައި ނެންގެވި އެއް ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާގެ ދަރަނި ރައީސް ޑރ. މުޢިއްޒަށް އަދާނުކުރެއްވޭނެ ކަމުގައި ހީކުރައްވައިގެން ކަމަށެވެ. ނަމަވެސް މާތްﷲގެ ރަހުމަތްފުޅާއެކު އެ ދަރަނި ރައީސް އަދާކުރައްވައި، އަންނަން އޮތް ޖީލަށްޓަކައި މިގައުމު ސަލާމަތްކޮށްދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

