ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުވާނޭ ބުނި ކަންތައްކޮށް އިތުބާރު ހޯދައިދީފި!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިގުތިސާދީ ހާލަތާއި ދަރަނި އަދާކުރުމުގެ ގާބިލުކަމާ މެދު ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި، އިދިކޮޅު ސިޔާސީ ފަރާތްތަކުން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކަށް އަމަލީ ގޮތުން ޖަވާބުދީ، ރާއްޖެއިން ވަނީ މާލީ ދާއިރާގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ދުނިޔޭގެ ނުފޫޒުގަދަ ކްރެޑިޓް ރޭޓިން އެޖެންސީއެއް ކަމަށްވާ ފިޗް ރޭޓިންސްއިން ރާއްޖޭގެ ރޭޓިން ”ސީސީ“ ގިންތިން ”ސީސީސީ-“ އަށް މަތިކުރުމަކީ، ރާއްޖެއިން ދަރަނި އަދާނުކުރެވިދާނެ ކަމަށް ބުނެ ދެކެވެމުންދިޔަ ވާހަކަތަކަށް ލިބުނު ވަރުގަދަ ރައްދެކެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިވުމުގެ އެންމެ މުހިންމު ސަބަބަކީ، ބޭރުގެ ބޮޑެތި ދަރަނިތައް ދެއްކުމުގައި ސަރުކާރުން ދެއްކި ސާބިތުކަމެވެ. ހާއްސަކޮށް 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ދައްކަން އޮތް ސުކޫކުގެ އަސާސީ ޕޭމަންޓުގެ ގޮތުގައި 500 މިލިއަން ޑޮލަރާއި، ކޫޕަން ޕޭމަންޓުގެ ގޮތުގައި 24.68 މިލިއަން ޑޮލަރު އަދާކުރުމަކީ ރާއްޖޭގެ މާލީ އިތުބާރު އާލާވި ކަމެކެވެ. މި ފައިސާ ދެއްކުމުގައި ބޭރުގެ އިތުރު ދަރަންޏެއް ނުނަގައި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ރަސްމީ ރިޒާވް ބޭނުންކުރުމަކީ ސަރުކާރުގެ މާލީ މެނޭޖްމަންޓް ހަރުދަނާކަން ހާމަކޮށްދިން ކަމެކެވެ.

ސަރުކާރުން ތަންފީޒުކުރަން ފަށާފައިވާ މާލީ އިސްލާހީ އެޖެންޑާގެ ދަށުން، ބޭރުފައިސާ ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އޭގެ ތެރޭގައި އާމްދަނީ އިތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، ބޭރުފައިސާގެ ގާނޫނަށް ގެނައި ބަދަލުތައް ހިމެނެއެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީގެ ވަކި މިންވަރެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ލާޒިމުކުރުމަކީ، ދައުލަތުގެ ބޭރުފައިސާގެ ރިޒާވް ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން އިންޑިއާގެ ރިޒާވް ބޭންކާއެކު ހެދި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ލިބުނު ލުއިތަކަކީވެސް މާލީ ހަމަޖެހުން ގާއިމުކުރުމަށް ލިބުނު ބާރެކެވެ.

މާލީ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް، ބޭރުގެ ބައެއް ކަންކަމުގެ ސަބަބުން ގޮންޖެހުންތަކެއް ހުރިކަން ފިޗްއިން ފާހަގަކުރެއެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް ހިރާހެކެވެ. އަދި ސަބްސިޑީއާއި ކެޕިޓަލް ހަރަދުތައް އިތުރުވުމުގެ ސަބަބުން ބަޖެޓް ޑެފިސިޓް މަތިވުމުގެ ފުރުސަތު އޮތްކަންވެސް ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް، މެދުރާސްތާގައި ރާއްޖޭގެ އިގުތިސާދު ފެންނަނީ ވަރުގަދަކޮށެވެ.

ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ޤައުމެއްގެ އިޤްތިޞާދީ އަދި މާލީ ހާލަތު ދަށްވެ، ދަރަނީގެ ބޮޑު ބުރައެއް އުފުލަން ޖެހިފައިވާ ދަނޑިވަޅެއްގައި، އެކަންކަމުން އަރައިގަތުމަކީ ނުވާނޭ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމެވެ. ނަމަވެސް، ހަރުދަނާ ސިޔާސަތުތަކާއި ސާބިތު ފިޔަވަޅުތަކާއެކު، ދިވެހިރާއްޖޭގެ މާލީ ނިޒާމަށް އިތުބާރު ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކުން ފެންނަނީ އުންމީދީ މަންޒަރެކެވެ.

ދައުލަތުގެ މާލީ ނިޒާމު ހަމަ މަގަށް އެޅުވުމަށްޓަކައި މެކްރޯ ފިސްކަލް ހަމަޖެހުން ގާއިމުކުރުމަކީ އެންމެ އިސްކަމެއް ދޭންޖެހޭ ކަންތަކެވެ. މީގެ ކުރިން އިޤްތިޞާދީ މާހިރުންނާއި ބައިނަލްއަޤްވާމީ އިދާރާތަކުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، މިހާރު އެޅެމުންދާ ފިޔަވަޅުތަކުގެ ސަބަބުން އިޤްތިޞާދީ ދުވެލި ހަމައަކަށް އެޅެމުންދާކަން ފާހަގަކުރެވެއެވެ. މިއީ ނުވާނޭ ކަމެއް ކަމަށް ބުނި ބަޔަކަށް ދެވުނު ރަނގަޅު ޖަވާބެކެވެ.

ޤައުމުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ދަރަނި މެނޭޖްކުރުމަކީ އެންމެ ބޮޑު ގޮންޖެހުމެވެ. ނަމަވެސް، ދަރަނި ދެއްކުމުގެ ޤާބިލުކަން އިތުރުކޮށް، ދަރަނީގެ ދެމެހެއްޓެނިވިކަން އަލުން އިއާދަކުރުމަށް ކުރެވޭ މަސައްކަތްތަކުން ބައިނަލްއަޤްވާމީ މާލީ ބާޒާރުގައި ރާއްޖެއަށް އޮތް އިތުބާރު ވަނީ ބޮޑުވެފައެވެ. މިއީ ޤައުމުގެ މުސްތަޤްބަލަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

ސަރުކާރުން އަޅަމުންދާ ހަރުދަނާ އިޤްތިޞާދީ ފިޔަވަޅުތަކުގެ ސަބަބުން، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް މަގުފަހިވެފައިވެއެވެ. މިފަދަ އިޞްލާޙުތަކަކީ ގެންނަން އުނދަގޫ، އަދި ބައެއް ފަހަރު އާންމުންގެ ނުރުހުން އަމާޒުވާ ކަންކަމަށް ވީނަމަވެސް، މިއީ ދިގު މުއްދަތަކަށް ބަލާއިރު ޤައުމުގެ އިޤްތިޞާދު ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންތެރި ކަންކަމެވެ.

ރާއްޖޭގެ މާލީ ހާލަތާމެދު ބޭރުގެ އިންވެސްޓަރުންނާއި މާލީ އިދާރާތަކުގެ އިތުބާރު އަލުން ހޯދުމަކީ ބޮޑު ކާމިޔާބީއެކެވެ. މިއީ ހަމައެކަނި ވާހަކަދައްކައިގެން ލިބުނު ކާމިޔާބީއެއް ނޫނެވެ. އަމަލީ ގޮތުން ދައްކައިދިން ނަތީޖާތަކުގެ ސަބަބުން ލިބުނު ކުރިއެރުމެކެވެ. ނުވާނޭ ކަމަށް ބުނި ކަންކަން ހަގީގަތަކަށް ހަދައިދިނުމުން، ރާއްޖޭގެ މާލީ ދާއިރާގެ ކުރިމަގު މިހާރު ފެންނަނީ އުޖާލާކޮށެވެ.

ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ތައުރީފު ހައްގު މަސައްކަތްތަކެކެވެ. ދަރަނީގެ ބުރައިން ސަލާމަތްވެ، މާލީ ގޮތުން މިނިވަން ޤައުމަކަށް ވުމަށް ކުރެވޭ މި ދަތުރުގައި، މިހާރު ހޯދިފައިވާ އިތުބާރަކީ ޤައުމުގެ ކުރިއެރުމަށް ލިބުނު ވަރަށް ބޮޑު ބާރެކެވެ.

އަޅުގަނޑުގެ ހިޔާލުގައި ރާއްޖެއިން މިވަނީ ދަރަނި އަދާނުކުރެވިދާނެ ކަމަށް ބުނެ އުފެދިފައި އޮތް ބިރުވެރިކަން ނައްތާލާފައެވެ. ބޭރުގެ ދަރަނިތައް ގަވާއިދުން އަދާކޮށް، މާލީ އިސްލާހީ ފިޔަވަޅުތައް ހަރުދަނާކުރުމުން، ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ރާއްޖެއަށް އޮތް އިތުބާރު މިވަނީ އަލުން އިއާދަވާން ފަށާފައެވެ. މިއީ ރާއްޖޭގެ އިގުތިސާދީ ކުރިމަގަށް ލިބުނު ވަރަށް ބޮޑު އުންމީދެކެވެ. ނުވާނެ ކަމަށް ބުނި ކަންތައްކޮށް އިތުބާރު ހޯދައިދީ އިންމީދު އައު ކޮށްދީފިއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: