ހިތަދޫ އުތުރުގެ ބައްޔާއެކު އައްޑޫއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތިން ފަށް ބައްޔަކުން ބަލިވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން މިއަދު ބާއްވާފައިވާއިރު ވަގުތީ ނަތީޖާ ދައްކާ ގޮތުން މި އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ފަރާތުން ފާދަކުރެއްވި ކެންޑިޑޭޓް އަބްދުﷲ ސޯދިގް (ސޯބެ)އެވެ.
މިއީ ސަރުކާރު ހިންގާ ޕާޓީއަށް ޖެހިޖެހިގެން ލިބުނު ތިންވަނަ ބައްޔެވެ. ނިމިދިޔަ ކައުންސިލް އިންތިހާބުގައިވެސް ޕީއެންސީއަށް ވަނީ ބޮޑު ބައްޔެއް ލިބިފައެވެ. އެގޮތުން ސަރުކާރުން ހީކުރި ގޮތާއި ހިލާފަށް ހުރިހާ ސިޓީތަކެއްގެ މޭޔަރު ގޮނޑީއާއެކު މެމްބަރުންގެ ގޮނޑިތައްވެސް ލިބުނީ އެމްޑީޕީއަށެވެ. އެހެންކަމުން މުޅި ކައުންސިލް އިންތިހާބުވެސް ވަނީ އެމްޑީޕީން ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން ކައުންސިލް އިންތިހާބާއެކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގިއިރު، އެ ވޯޓުން ސަރުކާރުން ބޭނުންވީ ދެ އިންތިހާބު އެކުގައި ބޭއްވުމަށެވެ. އެހެންނަމަވެސް ރައްޔިތުން ވޯޓު ދިނީ ދެ އިންތިހާބު ވަކިން މިހާރުވެސް އޮންނަ ގޮތަށް ބާއްވާށެވެ. މި ވޯޓުގައިވެސް ބޮޑު ތަފާތަކުން ރައްޔިތުން ވަނީ ނޫނެކޭ ބުނެފައެވެ.
މީގެ އިތުރަށް އައްޑޫ ރެފެރަންޑަމްގައި އައްޑޫ ސިޓީ ކައުންސިލުގެ ދަށުން، ހިންގުން ވަކިކުރަން ބޭނުންވާކަމަށް ހުޅުދޫއާއި މީދޫއިން ނިންމިއިރު، ވަކި ކައުންސިލެއް ހަދަން ބޭނުން ނުުވާކަމަށް ފޭދޫގެ މެޖޯރިޓީން ވޯޓު ދީފައިވެއެވެ. އެހެންކަމުން އައްޑޫ ސިޓީން ފޭދޫ ވަކިކުރަން އުޅުން ނަމަވެސް އެކަމަށް ރައްޔިތުން ވަނީ ނޫނެކޭ ބުނެފައެވެ.
މި އިންތިހާބުގެ ނަތީޖާ އަންދާޒާކުރަން ސަންގުން ކުރިއަށްގެންދިޔަ ސަރވޭއިން ވެސް ދައްކާފައިވަނީ އިންތިހާބު ކާމިޔާބުކުރައްވާނީ ސޯބެ ކަމަށެވެ. ސަރވޭގައި ބައިވެރިވި 1088 މީހުންގެ ތެރެއިން 57 އިންސައްތަ މީހުން ޖަވާބުދީފައިވަނީ އެ ފަރާތްތަކުން ވޯޓު ދޭނީ އެމްޑީޕީއަށް ކަމަށެވެ. އެއީ 617 މީހުންނެވެ. ޕީއެންސީއަށް ވޯޓު ދޭނެ ކަމަށް ޖަވާބުދިނީ 43 އިންސައްތަ، ނުވަތަ 471 މީހުންނެވެ.

