ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާޑު ކިޔާ ބަޔަކު އަބަދުވެސް އުޅޭނެ، ސަރުކާރަށް ފާޑުކިޔަންޖެހޭނެ: މުންދު

ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު
ޝެއާރކޮށްލާ ކަހަލަދޯ؟

ފާޑު ކިޔާ ބަޔަކު އަބަދުވެސް އުޅޭނެ ކަމަށާއި ސަރުކާރަށް ފާޑުކިޔަން ޖެހޭނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު މިހެން ވިދާޅުވީ، ”ޕްރެސް ވިތު ދަ ސްޕޯކްސް“ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ސަރުކާރުން ދުންފަތުގެ އިސްތިޢުމާލު ކުރުމާ ގުޅޭގޮތުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް އަމާޒުވާ ފާޑުކިޔުންތަކަށް އިޝާރާތް ކުރައްވައި މުންދު ވިދާޅުވީ، މިފަދަ ނިންމުންތަކުގެ ހަގީގީ ފައިދާ ފެންނާނީ އެތަކެއް އަހަރަކުން ކަމަށެވެ. އަދި ގައުމުގެ ވަލީއުލްއަމްރު ޙިކުމަތްތެރިކަމާއި ވަތަނީ ވިސްނުމެއްގައި އިހުލާސްތެރިކަމާއެކު މަސައްކަތް ކުރައްވާއިރު، އޭގެ ނަތީޖާ ފެންނާނީ ތަންކޮޅެއް ފަހުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިގޮތުން ގެނެވުނު ޖެނެރޭޝަނަލް ބޭންގެ ސަބަބުން މުސްތަގުބަލުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުވެ، ސިއްހީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ވިދާޅުވިއެވެ.

ކުރީގެ ތަޖުރިބާތަކަށް އަލިއަޅުއްވާލައްވަމުން މުންދު ވިދާޅުވީ، މާލެ އާއި ހުޅުމާލެއާ ދެމެދު ބްރިޖު އެޅި އިރުވެސް އޭރުގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި ކަމަށެވެ.

 ”ތިމާވެށި ހަލާކުވާނެ ކަމަށާއި ބްރިޖު އެޅުމަކީ ބޭކާރު ހަރަދެއް ކަމަށް ބުނެ އޭރު ސުވާލު އުފެއްދި،“ މުންދު ވިދާޅުވިއެވެ.

ނަމަވެސް މިއަދު ހުޅުމާލެއަކީ ދިރިއުޅެން ފަސޭހަ ތަނަކަށް ވީ އެ ބްރިޖުގެ ސަބަބުން ކަން ހެޔޮވިސްނޭ ކޮންމެ މީހަކު ގަބޫލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބޭން ކުރުމުގެ ސިޔާސަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ކުޑަކުދިންނަކީ ވަރަށް ގާތުން ބަލަންޖެހޭ ބައެއް ކަމަށާއި، އެކުދިން ބުލީގެ ޝިކާރައަކަށްވުމާއި ނޭދެވޭ ކަންކަމަށް ހުށަހެޅުމުގެ ބިރު އެބައޮތް ކަމަށެވެ. ”މިކަހަލަ ޗެޓް ރޫމްތަކަށާއި ވިންޑޯތަކަށް ކުޑަކުދިންނަށް ދައުވަތުދީގެން ގެންގޮސް ވަރަށް ނޭދެވޭ ބިރުވެރި ކަންކަން އެބަ ހިނގާ،“ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިންމަވާލައްވަމުން މުންދު ވިދާޅުވީ ސަރުކާރުން މި ފިޔަވަޅުތައް އަޅަނީ 2028 ގެ އިންތިޚާބު ކާމިޔާބު ކުރުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އެހެނަސް މިއީ ރައީސް ޑރ. މުއިއްޒުއާ ހަވާލުކުރެވިފައިވާ ޒިންމާތައް އިހްލާސްތެރިކަމާއެކު އަދާކުރެއްވުމުގެ ގޮތުން ކުރައްވާ މަސައްކަތްތަކެއް ކަމަށާއި، މީގެ ރަނގަޅު ނަތީޖާ ފަސް އެނބުރި ބަލާލާއިރު މީގެ އަހަރުތަކެއް ފަހުން ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: