ޤަތަރު އެއަރވޭސްއިން ދަތުރުކޮށްފައި އެނބުރި ރާއްޖެއައި ދިވެއްސަކުގެ ގައިން ކޯވިޑް-19 އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ފެނުމުން އެކަހެރިކުރެވިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ) ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ރޭގެ ވަގުތެއްގައި ކުރި ޓްވީޓުގައި ބުނީ، ޤަތަރް އެއަރވޭސްއިން ދަތުރުކުރި ދިވެހިމީހާ ކޯވިޑް-19 އަށް ޝައްކުކުރެވޭތީ ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށްފައިވާކަމަށެވެ.
https://twitter.com/HPA_MV/status/1239285167912390656?s=20
މީގެ އިތުރުން، ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހު، ފްލައިޓުންއައި 9 ބިދޭސީއަކު، އެބަޔަކު ބުކިންގ ހައްދާފައިވާ ތަންތަނަށް ފޮނުވާލާފައިވާކަމަށް އެޗްޕީއޭއިން ރޭގައި ކުރި އެހެން ޓްވީޓެއްގައިވެއެވެ. މި ގޮތުން، އެ ހުރިހައި ފަތުރުވެރިން ވެސް 14 ދުވަހަށް ގޭގައި އެކަހެރިވުމަށް އަންގަވާފައިވާކަމަށާއި، ކުރޫއިންގެތެރެއިން ދެ ބިދޭސީއަކު ވިލިވަރުގައި ކަރަންޓީނުކުރެވިފައިވާކަމަށް ވެސް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.
https://twitter.com/HPA_MV/status/1239285177290915840?s=20
ހަމަ އެހެންމެ، އެޗްޕީއޭއިން ރޭގައިކުރި އިތުރު ޓްވީޓެއްގައި ހާމަކޮށްފައިވަނީ، ކޯވިޑް-19 އަށް ޝައްކުކުރެވޭ ޢަލާމާތްތައް ހުރެގެން މީރު އައިލެންޑް ރިސޯޓުންނެގި 12 ޓެސްޓުގެ ނަތީޖާ ނެގެޓިވްވެފައިވާތީ، އެ ރަށްތަކުން މޮނިޓަރިންގގެ ހާލަތުން ނަގައިފައިވާކަމަށެވެ. މީގެ އިތުރުން، ކޯވިޑް-19 އަށް ޝައްކުކުރެވޭ ޢަލާމާތްތައް ހުރެގެން ޝެރަޓަން އައިލެންޑް ރިސޯޓުން ނެގި 2 ޓެސްޓުގެ ނަތީޖާ ނެގެޓިވްވެފައިވާތީ، އެ ރިސޯޓު ވެސް މޮނިޓަރިންގްގެ ހާލަތުން ނެގިފައިވާކަމަށް އެޗްޕީއޭއިން މިއަދު ހާމަކޮށްފައިވެއެވެ.
ކޯވިޑް-19 މިދަނީ ދުވަހަކަށްވުރެ ދުވަހަކު ގިނަވަމުންނެވެ. މި ގޮތުން ބަލާއިރު، އިއްޔެ އެކަނި ވެސް ކޯވިޑް-19 އަށް، ތިން މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެއީ އައިލަންޑް ސަފާރީގައި ތިބި ދެ ބިދޭސީންނާއި، އަނަންތަރަ ދިގު ރިސޯޓުގައިހުރި ބިދޭސީއެކެވެ. މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 13 މީހުން ދިވެހިރާއްޖެއިން ފެނިފައިވާއިރު، ފަރުކޮޚު އައިސޮލޭޝަންގައި 13 މީހަކު އެކަހެރިކުރެވިފައިވާކަމަށާއި، 18 މީހަކު ވިލިވަރުގައި ކަރަންޓީނުކޮށްފައިވާކަމަށް އެޗްޕީއޭއިން މަޢުލޫމާތު ޢާންމުކޮށްފައިވެއެވެ.

