މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން ރާއްޖޭގައި މިހާރު އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ހަރަދު ކުރުމަށް ސަކަނޑައަޅާފައި ވަނީ 212 މިލިޔަން ރުފިޔާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ކޮރޯނާ ވައިރަސްއާއި ގުޅިގެން ދިވެހިރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ 30 ދުވަހުގެ މުއްދަތަށެވެ. އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ހަރަދު ކުރާނެ ހާއްސަ ބަޖެޓެއް ކަނޑައަޅަން ވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ބޭނުން ކުރުމަށް ކަނޑައަޅާ ބަޖެޓް ވާން ޖެހޭނީ ހެލްތް މިނިސްޓަރ އަދި ދިޜެކްޓަރ ޖެނެރަލް އޮފް ޕަބް؛ިކް ހެލްތް އިއްތިފާގުވެވޭ ބަޖެޓަކަށް ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.
ކޮރޯނާ ވައިރަސްއާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ބޭނުން ކުރުމަށް ކަނޑައަޅާފައިވާ 212 މިލިޔަން ރުފިޔާއަކީ އެކިއެކި ގައުމުތަކުން ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ ހިލޭ އެހީ ނުލާ ކަނޑައަޅާފައިވާ ބަޖެޓެއް ކަމަށެވެ.
ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖެއިން ވެސް ފެނިފައިވާއިރު އެ ބައްޔަށް ޕްޒިޓިވް ވެފައިވާ 13 ފަރާތެއް ރާއްޖެއިން ވަނީ ފެނިފައެވެ. ސަރުކާރުން ހާމަކުރާ ގޮތުގައި މިހާތަނަށް ރާއްޖެއިން ކޮރޯނާ ވައިރަސްއަށް ޕްޒިޓިވްވެފައިވާ ހުރިހައި މީހުންނަކީ ވެސް ބިދޭސީންނެވެ.

