ކަނޑުތަކުގެ ރައްކާތެރިކަންވަނީ ސީދާ ދިވެހީންގެ ދިރިއުޅުމާއި ގުޅިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހަކީ ދުޅަހެޔޮ ކަނޑުތަކަކީ ދުނިޔޭގެ މުސްތަގުބަލަށާއި ދިރިއުޅުމަށް ކޮންމެހެން މުހިންމު އެއްޗެއްކަން އަންގައިދޭ ދުވަހެއް ކަމަށެވެ. އަދި ކަނޑުތަކާ ދިވެހީންނާ އޮތް ގުޅުމަކީ ވަރަށް ގާތް ގުޅުމެއްކަން ފާހަގަކުރައްވައި، މިއީ ރާއްޖޭގެ އިގްތިސާދާއި، ކާނާގެ ރައްކާތެރިކަމާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމާ ސީދާ ގުޅިފައިވާ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުގެ ދިރާސާތައް ވަރުގަދަކުރުމާއި، ފަރުތަކުގެ ދުޅަހެޔޮކަން ބެލުމާއި، ފަރުތައް އާލާކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ހެކިތަކުގެ މައްޗަށް ބިނާކޮށް ފިޔަވަޅުތައް އަޅަމުންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކަނޑުތަކުގެ ހޫނުމިން މަތިވުމާއި، ފަރުތައް ހުދުވުމުގެ އިތުރުން ގިރާ ސަރަހައްދުތައް އިތުރުވަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކަނޑުތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ އެއްބާރުލުން މިހާރު މާ ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި އެންމެންގެ ދިރިއުޅުން ބިނާވެފައިވާ ކަނޑުތައް ހިމާޔަތްކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އާކުރުމަށްވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.

