ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމުގައި އެންމެ އިސްދައުރެއް އަދާކުރީ ފުލުހުން: އިންތި

މާފަންނު މެދު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ”ބަޣާވާތަކުން“ ވައްޓާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ފުލުހުންގެ މުއައްސަސާގައި ތިބި ބައެއް ފުލުހުންކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފު ހުށަހެޅުއްވި، ފުލުހުންގެ ޚިދުމަތުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ، 2012 ވަނައަހަރުގެ ފެބުރުއަރީމަހުގެ 7 ވަނަދުވަހުގައި ”ބަޣާވާތަކުން“ ވެރިކަންވައްޓާލައި، އޭގެ އަނެއް ދުވަހު މަގުތަކަށް އެއްވި އެމްޑީޕީގެ ލީޑާރޝިޕާއި ޢާންމު މެންބަރުންނަށް ބައެއް ފުލުހުންކުރި އަނިޔާތަކަށް އަދިވެސް އިންސާފު ނުލިބޭކަމަށާއި، އެންމެ ފުރަތަމަ ވެސް ކުރަންޖެހޭކަމަކަށްއޮތީ، އެ ދުވަހު ފުލުހުންގެތެރެއިން ބަޔަކު ނުކިޔަމަންތެރިވެ ބަޣާވާތްކުރިކަމުގެ ޙަޤީޤަތް ޤަބޫލުކޮށް އެ ކަން ތަޙުޤީޤުކުރުންކަމަށެވެ.

މީގެ އިތުރުން، އިންތި ވިދާޅުވީ އެ ދުވަހު ބަޣާވާތްކުރި ފުލުހުން ނުހޯދައި، ފުލުހުންގެ މުއައްސަސާ އިސްލާހު ނުކުރެވޭނެކަމަށެވެ.

 

”ފުލުހުންނާމެދުގައި ރައްޔިތުންގެ އިތުބާރު އުފައްދަން ބޭނުންވާކަމަށްވަންޏާ، މި އަނިޔާ، މި ގެއްލުން، ދިވެހި ދަޢުލަތަށްދިން ފުލުހުން ކޮބައިތޯ؟ މިއަދު ވެސް އެ މުއައްސަސާތަކުގެތެރޭގައި އެބަތިބިތޯ؟ މި ސުވާލުތަކަށް ޖަވާބުބޭނުންވޭ، މި ސުވާލުތަކަށް ޖަވާބު ލިބިގެން މެނުވީ އަޅުގަނޑުމެންނަށް ފުލުހުންގެ މުއައްސަސާއަށް އިތުބާރު ކުރެވޭނެ ގޮތެއް ނެތް،“ އިންތި

އިންތިގެ ވާހަތަކަށް ތާއީދުކުރައްވާ، މަޖިލީހުގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް އަދި ވެރިކަން ވައްޓައިލެވުނުއިރު ރާއްޖޭގައި ހުންނެވި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަން ނިމުނު ދުވަހުގައި ފުލުހުންގެ ނުކިޔަމަންތެރިކަން ހައްދުފަހަނައަޅައި ގޮސްފައިވާކަމަށާއި، މިއަދާއި ހަމައަށް ވެސް، އެއްވެސް ތަޙުޤީޤެއް ކުރެވިފައިނުވާކަމަށެވެ.

ނަޝީދު ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ބިލު މަޖިލީހަށް ބަލައިގަނެ ކަމާއިބެހޭ ކޮމިޓީން، އެ ބިލު ދިރާސާކުރާއިރު، އެ މައްސަލަ އެ ކޮމިޓީއަށް ތަޙުޤީޤުކުރެވޭނެކަމަށާއި، މަޖިލީހުގެ ގަވާއިދު އެ ކަމަށް ސާފުކޮށް ޖާގަދޭކަމަށެވެ.

”މި ވަގުތު ވެސް ފުލުސްއޮފީހުގެތެރޭގައި ނުކިޔަމަންތެރިކަން ދެއްކިމީހުން ފުލުހުންގެގޮތުގައި ތިބިތޯ، އަދި އޭރުގައި އެ ނުކިޔަމަންތެރިކަންދެއްކި މީހުނަކީ ކޮބައިކަން، މަޖިލީހުގެ ގަވާއިދު ސާފުކޮށް ޖާގަދޭގޮތުގައި ބިލު ކޮމިޓީގައި މަސައްކަތްކުރާއިރު ވަކިވަކި ފުލުހުންނާގުޅޭގޮތުން، އެ ތަހުޤީޤެއް ކުރެވޭނެ. އެއީ މެންބަރުންނަށް ލިބިދޭ ބާރެއް.“ ރައީސް ނަޝީދު

2012 ފެބުރުއަރީ 7 ވަނަ ދުވަހުގައި، އޭރުގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ، ރައީސްކަމުގެ މަޤާމުން އެ މަނިކުފާނު އިސްތިއުފާ ދެއްވުމުންނެވެ. ވެރިކަން ބަދަލުވީ ބަޣާވާތަކުންކަމުގައި، ރައީސް ނަޝީދު އަބަދުވެސް ތުހުމަތުކުރައްވައެވެ. އެހެންނަމަވެސް، އޭރުގެ ވެރިކަން ބަދަލުވި ސަބަބުތައް ބަލަން އެކުލަވައިލި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައިވާގޮތުން، ރައީސް ނަޝީދު ފެބުރުއަރީ ހަތެއްގައި އިސްތިއުފާދެއްވީ އެއްވެސް މަޖުބޫރުކަމެއްނެތި، އަމިއްލަ އިޚުތިޔާރުފުޅަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: