ކޮރޯނާ ވައިރަހާއި ގުޅިގެން ޚާއްސަ ފިޔަވަޅުތަކެއް އެޅުމަކީ އާއްމު ސިއްހަތު ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަސްއޫލިއްޔަތެއް ކަމަށްވުމުން ކައުންސިލްތަކުން އަމިއްލައަށް ކަންކަން ނުނިންމުމަށް އެދޭ ކަމަށް ލޯކަލް ކައުންސިލް އޮތޯރިޓީ (އެލްޖީއޭ) އިން އިއްޔެ ބުނެފި އެވެ.
ރާއްޖޭގެ ރަށްރަށަށް މީހުން އަރައި ފޭބުން ކައުންސިލްތަކުން މަނާކުރާ ކަމުގެ ޝަކުވާ ލިބެމުންދާތީ އެކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި އެލްޖީއޭ އިން ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ރަށްރަށަށް އަރައި ފޭބުން ކައުންސިލްތަކަށް މަނާ ނުކުރެވޭނެ ކަމަށެވެ.
އެލްޖީއޭގެ ބަޔާނުގައި ބުނެފައިވަނީ ދަތުރުކުރުން ހުއްޓުވުމާއި ކޮންޓްރޯލްކުރުން ނުވަތަ އެފަދައިން ދަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަކީ އާއްމު ސިއްހަތު ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަސްއޫލިއްޔަތެއް ކަމަށެވެ.
ރަށްރަށަށް މީހުން އަރައި ފޭބުން ކައުންސިލްތަކުން މަނާކުރާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި އެގޮތަށް އެކަންތައް ނުކުރަން ކައުންސިލްތަކަށް އަންގާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ރާއްޖެއިން ފުރައިގެން ދިއުމާއި އެނބުރި އައުމާއި ރާއްޖޭގައި ހުރުމާއި ރާއްޖޭގެ އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަމަކީ ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގަކަށް ވީހިނދު، އެ ހައްގު ނުވަތަ މިނިވަންކަމުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް އެލްޖީއޭއިން ފާހަގަކޮށްފައިވެއެވެ.
ކޮވިޑް-19 އަކީ ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅުމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕަބްލިކް ހެލްތު އެމަޖެންސީ އިއުލާނުކޮށްފަ އެވެ.
ދުނިޔޭގެ ފެތުރި 157 ގައުމަށް ފެތުރިފައިވާ ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނީ ޗައިނާ އިންނެވެ. މިހާރު މި ބަލީގެ 13 މީހަކު ރާއްޖެއިން ވެސް ފެނިފައި ވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޓޫރިސްޓުންނާއި ބިދޭސީ މަސައްކަތްތެރިންނެވެ.

