ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްވުމަށް ހަމަޖެހިފައިވާ ނޫސްވެރިންގެ ބައްދަލުވުން މިއަދު ކެންސަލްވެއްޖެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
މިއަދު ބޭއްވުމަށް ކުރިން ތާވަލުކުރި މި ބައްދަލުވުން ކެންސަލްކުރިކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، މިއަދުގެ ޕްރެސް ކޮންފަރެންސް ކެންސަލް ކުރަން ޖެހުނީ ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅުތައް ހުރި ގޮތުން ކަމަށެވެ.
މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން މުންދު ވިދާޅުވީ، ”މިއަދު ރައީސްގެ މަސައްކަތްތައް ހުންނެވި ގޮތުން ޕްރެސް ކޮންފަރެންސް ކެންސަލް ކުރަން ޖެހުނީ“ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މީގެކުރިން ވިދާޅުވެފައިވަނީ އެމަނިކުފާނު ރާއްޖޭގައި އުޅުއްވާނަމަ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. މިއީ ސިލްސިލާކޮށް ކުރިއަށް ގެންދާނެ ބައްދަލުވުންތަކެއް ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މިއަދުގެ ބައްދަލުވުން ކެންސަލް ކުރި ނަމަވެސް، ދެން މި ބައްދަލުވުން ބާއްވާނެ ތާރީޚެއް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެއެވެ. އެންމެ ފަހުން ނޫސްވެރިންނާއި ރައީސް ބައްދަލުކުރައްވާފައިވަނީ ނިމިދިޔަ ހަފްތާގެ ހޯމަދުވަހުއެވެ.

