ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ސަރުކާރުގެ ފިޔަވަޅުތަކަށް ނަޝީދުގެ ތައުރީފް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭން ކޮރޯނާ ވައިރަސް ފެނުމާ ގުޅިގެން، އެކަމުން އަރައިގަތުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް ފެތުރުމާ ގުޅިގެން، އެ ވައިރަސް އިތުރަށް ފެތުރިޔަ ނުދިނުމަށްޓަކައި ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތައް ވަރަށް ރަނގަޅު ކަމަށެވެ.

ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް، ތައުރީފް ކުރެއްވިނަމަވެސް، ރާއްޖެއަށް ފަތުރުވެރިން އެތެރެވުން ހުއްޓުވުމާއި، ބައެއް ރަށްރަށް ލޮކްޑައުން ކުރުންފަދަ ކަންކަމާއި ގުޅިގެން ނަޝީދު މީގެ ކުރިން ފާޑު ވިދާޅުވެފައިވެއެވެ. އެގޮތުން ކޮރޯނާވައިރަސް ފެނުމުގެ ކުރިން، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި އަދި އެ ވައިރަސް ޖެހިފައިވާ މީހަކު ފެނުނަސް ރަށްރަށް ކަރަންޓީން ކުރުމާ ވެސް ދެކޮޅު ހެއްދެވިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ސަރުކާރުން އަމަލު ކުރަމުންދާ ކަންކަމުގެ މައުލޫމާތު، އާދިއްތަ ދުވަހުގެ ރޭ އޮތް މަޖިލީހުގެ އިޖްތިމާއީ ކޮމިޓީ އާއި އާންމު ކޮމިޓީ ގުޅިގެން ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ހޯއްދަވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސްގެ އިތުރުން މަޖިލީހުގެ އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ފަރާތުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫ ބަކުރު އާއި އެ އެޖެންސީގެ ބައެއް ސްޕެޝަލިސްޓުންނާއި ނޭޝަނަލް ޑިޒާސްޓޭ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް ހިސާން ހަސަން އާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. އަރުވިންދު މާތުރު ބައިވެރިވެވަޑައިގެންނެވި އެވެ.

ނަޝީދު ވިދާޅުވީ އެޗްޕީއޭއިން އެކުލަވާލި ސާވޭއާ ހަވާލާ ދެއްވާ ނަޝީދު ވިދާޅުވީ، ބަލި ކޮންޓްރޯލް ކުރާނެ ގޮތުގެ ތިން ސިނާރިއޯއެއް އޭގައި ހިމެނޭ ކަމަށެވެ. އެގޮތުން މިހާރު އަމަލުކުރާ ގޮތުގެ ބަދަލުގައި، އަނެއް ދެ ސިނާރިއޯގައި ވެސް އޮތީ ކުއްލިއަކަށް ވަރަށް ބާރަށް ބަލި ފެތުރިދާނެ ހާލަތެއްގައި އަމަލުކުރާނެ ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

”އަޅުގަނޑުމެނަށް ފެނުނީ ރޭގައި، ސަރުކާރުގެ ސިޔާސަތު ވަރަށް ހަރުދަނާ ކަމަށް. އެ ބޭފުޅުން ސަރުކާރުން މިހާރު އެ ގެންނަވާ ކޮންޓްރޯލްތަކަކީ ސަރުކާރުން އަންދާޒާ ކޮށްފައިވާ މިންވަރަކަށް މިކަން ދާނެ ކަމަށް ދެކި، އެ ކަމަށް ތައްޔާރުވެ ތިބެ ގެންނަވާ ކޮންޓްރޯލްތަކެއް، ސަރުކާރަށް ވެސް އަޅުގަނޑުމެނަށް ފެނުނު ގޮތުގައި މާ ސާފުކޮށް އެނގޭ، ވަރަށް ހަރުކަށި ކޮންޓްރޯލް ގެނެސްފިއްޔާ، ބަލި ކުއްލިއަކަށް ފެތުރިގެންދާ މިންވަރު ދަށްކުރެވިދާނެކަން“ ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ، ރާއްޖޭގައި ހުރި ވަސީލަތްތަކަށް އޮބި ނޯންނަ ވަރަށް ހާލަތު ދިއުމުގެ ކުރިން، އެ ބަލި ކޮންޓްރޯލް ކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ ކޮވިޑް-19 ބަލި 13 މީހަކަށް ޖެހިފައިވާއިރު، އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު ނެތެވެ. މުޅިން ވެސް ހިމެނެނީ ޓޫރިސްޓުންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނެވެ.  އެއީ ހަތަރު ރިސޯޓެއްގައި ތިބި ޓޫރިސްޓުންނާއި ބިދޭސީންގެ އިތުރުން ސަފާރީއެއްގައި ތިބި ބިދޭސީންތަކެކެވެ. އެ އެންމެންގެ ތަފްސީލީ މައުލޫމާތެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ބައްޔަށް ޕޮޒިޓިވްވެ ހާލު ބޮޑުވި 70 އަހަރުގެ ޓޫރިސްޓު މީހާއަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ހާއްސަ ޔުނިޓުގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާ ވެސް ސްޓޭބަލް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: