ޖެންޑާ މިނިސްޓަރުގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އައްޔަން ކުރެއްވި ކުރީގެ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.
ޖެންޑާ މިނިސްޓަރު ކަމަށް އާއިޝާ ދީދީ އައްޔަންކުރައްވާފައި ވަނީ މިދިޔަ މަހުގެ9 ވަނަ ދުވަހުއެވެ.
އައިޝަތު މުހައްމަދު ދީދީ ޖެންޑާރ މިނިސްޓަރު ކަމަށް އައްޔަން ކޮށްފައިވަނީ އެ މަގާމުގައި ހުންނެވި ޝިދާތާއަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވި، އިހުމާލަށްފަހު އިހުމާލެއް ވަމުންދާކަމުގެ ތުހުމަތު ކުރެވިފައިވަނިކޮށެވެ. އަދި އެކަންކަން ފާހަގަކޮށް އާއްމު އެ މައްސަލަ ބަލަން ފެށުމަށް ގޮވާލަމުންދަނިކޮށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމާއި އެކު ޝިދާތާ މަގާމުން ވަކި ކުރަންޖެހޭކަމަށް ބުނެ، މަޖިލީހުގެ މެޖޯރިޓީއޮތް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކުރުމާއި ގުޅިގެންނެވެ. އެހެން ނަމަވެސް، ޝިދާތާ ވަނީ އިސްތިއުފާ ދެއްވާ ބަޔާނެއް އާއްމުކޮށް އޭނާގެ އެއްވެސް އިހުމާލެއް އޮތްކަމަށް ގަބޫލު ނުކުރާކަމަށް ބުނެފައެވެ. އަދި އިސްތިއުފާ ދެއްވީ މަސްލަހަތަށްޓަކައި ކަމަށް ވެސް ވިދާޅުވިއެވެ.
ޖެންޑާ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އާއިޝާ 1982 ވަނަ އަހަރުން ފެށިގެން 1998 ވަނަ އަހަރާ ހަމައަށް މަސައްކަތްކުރެއްވީ ތައުލީމީ ދާއިރާގައެވެ. އޭގެ ތެރޭގައި މަޖީދިއްޔާ ސްކޫލުގެ ސައިންސް މުދައްރިސެއްގެ މަގާމާއި އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރާއި އިންސްޓިޓިއުޓް ފޯރ ޓީޗާ އެޑިއުކޭޝަންއަށް ހިދުމަތް ކުރެއްވުން ހިމެނެއެވެ. އަދި ޔުނިޓް ޓު ޕްރޮޓެކްޓް ރައިޓްސް އޮފް ޗިލްރެންގެ ޑެޕިއުޓީ ޑިރެކްޓަރުކަންވެސް އަދާ ކުރެވިއެވެ. އެއަށްފަހު އަދާ ކުރައްވާފައިވަނީ ޔުނިސެފްގެ ރާއްޖޭގެ އޮފީހުގައެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި 2005 ވަނަ އަހަރުން ފެށިގެން އެ ސަރުކާރު 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނިމެންދެން ޖެންޑާ މިނިސްޓަރުކަން ކުރެއްވީ އައިޝާއެވެ. އެއަށްފަހު މަސައްކަތް ކުރެއްވީ ތައުލީމީ ދާއިރާއާއި ކުޑަކުދިންނާއި އަންހެނުންގެ ހައްގުތަކާ ބެހޭ ކޮންސަލްޓަންޓެއްގެ ގޮތުގައެވެ.
ސެޕްޓެމްބަރު 2010 އިން ފެށިގެން ވިލާ ކޮލެޖުގެ އެކި މަގާމުތައް އާއިޝާ ފުރުއްވި އިރު، އެ ކޮލެޖުގައި އެންމެ ފަހުން އަދާކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު (އެކެޑެމިކް)ގެ މަގާމެވެ.
ސައިކޮލޮޖީއިން ޑިގްރީ ފާސް އަދި ތައުލީމީ ދާއިރާއިން މާސްޓާސް ޑިގްރީ ހޯއްދަވާފައިވާ އާއިޝާ ވަނީ ޔޫއެންއާއި ޔުނިސެފް ފަދަ ޖަމިއްޔާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް މީގެ ކުރިން ކުރައްވާފައެވެ. އަދި ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން (ޝީ)ގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި، ވިލާ ކޮލެޖުގެ އެކެޑެމިކް ސެނެޓު މެމްބަރުކަމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ބޯޑު މެމްބަރުކަމާއި ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގެ މެމްބަރުކަން ފަދަ މަގާމުތައް އަދާކުރެއްވިއެވެ.

