މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން އިނގިރޭސިވިލާތުންނާއި މެލޭޝިޔާއިން ފަތުރުވެރިން ރާއްޖެ އައުމާއި ދިއުމާއި މަނާ ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ކޮރޯނާ ވައިރަސްއާއި ގުޅިގެން ރާއްޖޭގެ ހާލަތު ހާމަކުރުމަށް ސަރުކާރުން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު މެންދުރު ފަހު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮރޯނާ ވައިރަސްއާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މި މަހުގެ 19 ވަނަ ދުވަހރޭ ދަންވަރު ު 12:00 އިން ފެށިގެން އިނގިރޭސީވިލާތުން ފަތުރުވެރިން ރާއްޖެ އައުން މަނާ ކުރުމަސް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މީގެއިތުރުން މިއަދު އިރުއޮއްސ ި6:00 އިން ފެށިގެން މެލޭޝިޔާއިން ފަތުރުވެރިން ރާއްޖެ އައުން މަނާ ކުރުމަށް ސަރުކާރުން ނިންމާފައިވާކަން ވެސް މަބްރޫކް ވިދާޅުވިއެވެ. އަދި މެލޭޝިޔާގައި ތިބި ދިވެހިން ވެސް ރާއްޖެ އައުމަށް ފަހު 14 ދުވަހުގެ ކަރަންޓީން އަށް ގެންދެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އިނގިރޭސީވިލާތާއި މެލޭޝިޔާއިން ފަތުރުވެރިން ރާއްޖެ އައުން ސަރުކާރުން މަނާ ކުރުމަށް ނިންމާފައިވާއިރު މީގެކުރިން ސްޕެއިން އަދި ޖަރުމަނާއި ފްރާންސްގެ ބައެއް ސަރަހައްދުތަކުންނާއި އަދި އިޓަލީއިންނާއި ބަންގަލަދޭޝުން، ޗައިނާ، ސައުތު ކޮރެއާ އަދި އީރާންއިން މީހުން އެތެރެވުން ރާއްޖެއިން ވަނީ މަނާކޮށްފަ އެވެ. މިހާތަނަށް ފަތުރުވެރިން އައުން ރާއްޖެއިން މަނާކުރި ގައުމުތަކަކީ އެންމެ ގިނައިން ރާއްޖެއްސް ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމުތައްކަން ފާހަގަ ކޮށްލަން ޖެހެއެވެ.
ކޮރޯނާ ވައޮރަސްއާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ރާއްޖެއިން މިހާތަނަށް ކޮރޯނާ ވައިރަސްއަށް ޕްޒިޓިވްވެފައި ވަނީ 13 ފަރާތެކެވެ. އަދި ކޮރޯނާ ވައިރަސްއާއި ގުޅިގެން ސަރުކާރުން ގެންދަނީ މުހިންމު ނިންމުންތަކެއް ނިންމަމުންނެވެ.

