މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ.)ގެ ކައުންސިލުން ވަނީ ދަތުރުފަތުރުކުރުމުގައި ބައެއް ފިޔަވަޅުތައް އެޅުމަށް ނިންމައިފިއެވެ.
މިގޮތުން 17 މާރޗް 2020 ގައި އީ.ޔޫ. ކައުންސިލުން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި، އީ.ޔޫ.ގެ ”އެކްސްޓަރނަލް ބޯޑަރސް“ 30 ދުވަހަށް ބަންދުކުރުން ހިމެނެއެވެ. މިނިންމުމުގައި އީ.ޔޫ.ގެ ޤައުމުތަކަށް ނިސްބަތްވާ މީހުންނާއި ދިގުމުއްދަތަށް އީ.ޔޫ.ގެ ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތައް އިސްތިސްނާވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
ވީމާ، އީ.ޔޫ.ގެ ޤައުމުތަކަށް ދަތުރުކުރައްވާނަމަ މި ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރެއްވުމަށް އެދެމެވެ.
މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރެއްވުމަށް އިލްތިމާސްކުރަމެވެ. އަދި ޔޫރަޕުގެ އެކި ޤައުމުތަކުގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެ ޤައުމުތަކުގެ ސަރުކާރުތަކުގެ ނިންމުންތަކާއި އެންގެވުންތަކަށް ސަމާލުވުމަށް އެދެމެވެ.
އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރަމެވެ.
ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކުރަމެވެ.

