ރާއްޖެއަށް އެތެރެކުރާ ފޭސް މާސްކާއި ހޭންޑް ސެނެޓައިޒާއިން ނަގާ އިމްޕޯޓް ޑިއުޓީ ކަނޑާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ކަސްޓަމްސް އިން ބުނީ މިއަދުން ފެށިގެން ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތުގައި، އަމިއްލަ ވިޔަފާރިތަކުން ރާއްޖެ އެތެރެކުރާ މާސްކާއި ސެނިޓައިޒާ އިން ޑިއުޓީ އާއި އެފަދަ ތަކެތިން ނަގާ ޕްރޮސެސިސް ފީ މައާފްކޮށް ދެއްވަން ރައީސް ނިންމަވާފައިވާ ކަމަށެވެ. އެގޮތަށް އެ މަނިކުފާނު ނިންމެވީ އިމްޕޯޓް އެކްސްޕޯޓް ގާނޫނުގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.
ކޮވިޑް-19 ދުނިޔޭގައި ފެތުރެން ފެށުމާ އެކު، މާލޭގައި ގިނަ ބަޔަކު މާސްކާއި ސެނިޓައިޒާ ގިނަ އަދަދަކަށް ގަނެ، ބައެއް ފިހާރަތަކުން މާސްކް ވެސް ހުސްވެ އަދި އަގު ވެސް އުފުލިގެން ދިޔަ އެވެ. އަދި ފަހުން އެސްޓީއޯ އިން އެ ތަކެތި ވިއްކަން ފެށީ ކޮޮންޓްރޯލް ކޮށްގެންނެވެ. އެކަމަކު ސިއްހީ ތަޖްރިބާކާރުން ލަފާ ދެމުން ދިޔައީ ބަލި މީހުންނާއި އޭގެ އަލާމާތްތައް ހުރި މީހުން ފިޔަވައި، އެހެން މީހުން މާސްކް ނޭޅުމަށެވެ.

