ކޯވިޑް-19ގެ އެންމެ ނުރައްކާތެރި ހާލަތު ކުރިމަތިވާ ދަނޑިވަޅެއްގައި ވެސް، ސަރުކާރު ހުއްޓުމަކަށްނައިސް ޚިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަކަމަށް ކޮމިއުނިކޭޝަން މިިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.
މިއަދުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ސަރުކާރު ބަންދުކުރުމަށް ހަމަޖައްސައިފައިވީނަމަވެސް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ކޮންމެހެން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދޭނެ އިންތިޒާމުތައްކުރުމަށް އަންގަވައިފައެވެ.
މި ކަމާއި ގުޅިގެން ވީޑިއޯގެ ޒަރީޢާއިން ވާހަކަދައްކަވަމުން، މަލީހު ވިދާޅުވީ މިއަދުން ފެށިގެން ސަރުކާރު ބަންދުވީނަމަވެސް، ކޮންމެހެން ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މިހާރުވާނީ ޓާސްކްފޯހެއް އެކުލަވާލައިފައިވާކަމަށެވެ. ހަމަ އެހެންމެ މަލީހު ވިދާޅުވީ ގޭގައި ތިބެގެން ވެސް ޚިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިކަމަށެވެ.
”އެޗްޕީއޭއާއި ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީން އަދިި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ އެކިއެކި ތްރެޓް ލެވެލްއަށް ނުވަތަ އެލާޓް ލެވެލްއަށް އަމާޒު ކުރެވިގެން އަޅުގަނޑުމެން މި ވަނީ އެތެރޭގެ އެސްއޯޕީތަކެއް ގާއިމް ކުރެވިފައި،“ މަލީހް
މީގެ އިތުރުން މަލީހު ވިދާޅުވީ، އެންމެ ނާޒުކު ދަނޑިވަޅުގައި ވެސް، ސަރުކާރުގެ ޑޭޓާތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ގޮތަށް ކަންކަން ހަމަޖައްސާފައިވާކަމަށާއި، އޮފީސްތަކުގައިވާ މަޢުލޫމާތުތަކުގެ ބެކަޕް ނެގުމުގެ މަސައްކަތްތައް މިހާރު ކުރިއަށްގެންދާކަމަށެވެ.
މަލީހު ވިދާޅުވީ މިކަމުގައި ނޭޝަނަލް ޑޭޓާ ސެންޓަރުގެ އެހީތެރިކަން ބޭނުންވާނަމަ، އެ އެހީތެރިކަން ވެސް ލިބޭނެކަމަށެވެ.
މަލީހު ވިދާޅުވީ ގޭގައި ތިބެންޖެހޭ މި ފަދަ ވަގުތެއްގައި، ފޯނާއި އިންޓަނެޓްފަދަ ވަޞީލަތްތައް ބޭނުންކުރުމުގައި ވީހާވެސް ބޮޑަށް ބަލައިގެން ބޭނުންކުރުމަށާއި، ތަރައްޤީގެ އެންމެ މަތީ ހަރުފަތްތަކުގައިވާ ޤައުމުތަކުގައި ވެސް، އެންމެން އެއްވަގުތެއްގައި އިންޓަނެޓްގެ ޚިދުމަތް ބޭނުންކުރުމުން ނެޓްވޯކްތައް ބިޒީވެގެންދާކަމަށާއި، މިއީ ޤަބޫލުކުރަންޖެހޭ ކަމެއްކަމަށެވެ. މީގެ އިތުރުން މަލީހު ވިދާޅުވީ، ކެތްތެރިކަމާއެކު މިކަމުން އަރައިގަތުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާކަމަށެވެ.
ކޮރޯނާ ވައިރަހުގެ ސަބަބުން ސަރުކާރު ބަންދުކޮށްފައިވާއިރު މަޖިލީހުގެ ޖަލްސާތައް ވެސް ވަނީ މަޑުޖައްސައިލައިފައެވެ. އެހެންނަމަވެސް ކޮންމެހެން ބާއްވަންޖެހޭ ޖަލްސާއެއް ކުރިއަށްދާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެފައިވެއެވެ.

