ދުނިޔެ އެނބުރެމުން ސެނބުރެމުންދާއިރު، ތިމަތިމަމެންގެ ވަށައިގެން އެނބުރެނީ ކޮން ކަންތައްތައްކަމާމެދު ފިކުރުކުރަނީ ވަރަށް ވެސް މަދު ބައެކެވެ. ތިމަތިމާމެންގެ ބޯމަތީގައިވަ އުޑުތަކުގެ މަތީގައިވާ ރައްބުގެ މަތިން ޒިކުރުކުރަނީ ވަރަށް ވެސް މަދުބައެކެވެ. ތިމަތިމާމެންގެ ހަފަރާތުގައިވާ ނިޢުމަތްތަކަށް ޝުކުރުކުރަނީ ވަރަށް ވެސް މަދުބައެކެވެ. ތިމަތިމާމެންގެ ނަފުސު އިސްލާހުކުރުމަށް އެ އިލަހު ބާވައިލެއްވި ފޮތުން އަކުރެއްކިޔަނީ ވަރަށް ވެސް މަދުބައެކެވެ.
ކޮންމެއަކަސް ދުނިޔެދާނީ ހިނގަމުންނެވެ. ދުނިޔެދާނީ ބަދަލުވަމުންނެވެ. ދުނިޔެދާނީ ނިމުމަކާއި ގާތްވަމުންނެވެ. މި ކަންކަމާމެދު ވިސްނައިފިނަމަ ޢިބުރަތްތައް އެހުރީ ދިމާއަށް ފެންނާށެވެ. ދުނިޔެ ހިނގާނީ ތޮށަލިދުޅައަކަށޭ ބުނެއެވެ. ތެދެކެވެ. ކޮންމެ ފާގަތިކަމަކަށްފަހު ތަދުމަޑުކަމެއް އާދެއެވެ. މުއްސަނދިކަމަށްފަހު ފަޤީރު ވެސް ވެދެއެވެ، ލޯތްބަށްފަހު ނަފުރަތުގެ ގިނީގައި އަނދައަނދާ ވެސް ހުރެއެވެ. އުފާތަކަށްފަހު ހިތާމައިގެ ސާލު އޮޅައިލަން ވެސް ޖެހެއެވެ. ދުޅަހެޔޮކަމަށްފަހު ބަލިމަޑުކަމާއި ވެސް ކުރިމަތިލާންޖެހެއެވެ. މިއީ ދުނިޔޭގެ ޤާނޫނެވެ. ދުނިޔެ ހިނގާހައި ހިނދަކު މި ޤާނޫނުތައް ތަންފީޒުވަމުންދާނެކަން ކަށަވަރެވެ.
އެހެންނަމަވެސް، ހާލަތަކީ ބަދަލުވާ އެއްޗެކެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް ވެސް އަންނަ ފަދައިންނެވެ. ދެ ހަޅަޖަހައި ހަޅަމަޑުވެ ވައިއުތުރަށް އަރާފަދައިންނެވެ. ރޭދުވާ ބަދަލުވާ ފަދައިންނެވެ. އެހެނަސް، ހާލަތު ބަދަލުވަނީ، ހާލަތު ބަދަލުކުރަން، އެ ބަޔަކު މަސައްކަތްކޮށްފިނަމައެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދަންނަވަން މި އުޅެނީ މިއަދު މި ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތުގެ ވާހަކައެވެ. ބައެއް މީހުން އެއީ މާ ބޮޑު ބައްޔަކަށް ނުހަދާ ކޮވިޑް-19 ގެ ވާހައެވެ. މުޅި ދުނިޔެ ހަމަހިމޭންކަމުގައި އޮއްވައި، ސިއްސުވައިލި ކޮރޯނާ ވައިރަހުގެ ވާހަކައެވެ. ވޭތުވެދިޔަ ޑިސެމްބަރުގައި އުފަންވި މި ބަލީގެ ސަބަބުން، އެތައް ފުރާނައެއް މި ދުނިޔެއާއި އަލްވަދާޢު ކިޔަންޖެހުނު ނުރައްކާތެރި ބަލީގެ ވާހަކައެވެ. ދުނިޔޭގެ ޤައުމުތަކުގައި ވަކިހިއްޕާލަމުން، އެތައް ބަޔަކު އެ ބަލީގެ ޝިކާރައަކަށް ހަދަމުންގެންދާ ވޭންހުރި ބަލީގެ ވާހަކައެވެ. ދަންނައެ! މިހާތަނަށް، މި ބަލީގައި، ދުނިޔެއާއި ވަކިވެގެންދިޔަ ހުރިހައި އިންސާނުން ވެސް، އެ ވަކިވީ ކުޑަކުޑަ ވައިރަހެއްގެ ސަބަބުންނެވެ. މިއީ، އަޅުގަނޑުމެން ވިސްނައިލުން މުހިންމު ކަމެކެވެ. އަޅުގަނޑުމެންގެ ބަލިކަށިކަމާއި، ޤުދުރަތުގެ ނިޔާގެ ވަރުގަދަކަމީ ދެނެގަތުން އެހާމެ ބޭނުންތެރިކަމެކެވެެ.
އޮޅުމެއްނެތެވެ. ކޮންމެ ތަނަކު ހުރިޔަސް، ޤުދުރަތުގެ ނިޔާ ކަނޑައެޅުމުން، އެއާ ދެކޮޅު ހެދޭނެ އެއްވެސް މީހަކު ނެތެވެ. ޤުދުރަތުގެ ޤާނޫނަށް ފިލަންދާނެތަނެއް ވެސް ނޯންނާނެއެވެ. ގަދަފައިވިއްދާފައި ސާބިތުވެ ހުރެވޭނެ މީހަކު ވެސް ނުހުންނާނޭމެއެވެ.
އަޅުގަނޑުމެންނަށް އޮތީ، އަޅުގަނޑުމެންގެ ރައްބަށް ވަކީލުކުރުމެވެ. މި ހުރިހައި ކަންކަމަކީ ވެސް، އިމްތިޙާނުކަމުގައި ދެކިގެން، އިންޤިލާބަކަށްއެދި އިންތިޒާރުގައި ހުރުމެވެ. ޤައުމު އިންދިރާސް ވިޔަނުދޭން އަތުގުޅާލައިގެން މަސައްކަތްކުރުމެވެ. އަޅުގަނޑުމެންގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. އަޅުގަނޑުމެންގެ ވަށައިގެން އެބުރެމުންދާ ކަންތައްތަކާމެދު ވިސްނައި ފިކުރުކޮށް، އެ ކަންތައްތަކުން ޢިބުރަތް ހާސިލުކުރުމެވެ. ހެއްދެވި ފަރާތުގެ މަތިން ގިނަގިނައިން ހަނދާންކޮށްކޮށް ތިބުމެވެ. ކޮންމެ ހާލެއްގައި ވެސް ޝުކުރުކުރާ ބަޔަކަށްވެ، ވާޖިބުތައް އަދާކުރުންމަތީ ދެމިތިބޭ ބަޔަކަށްވުމެވެ. ހާލަތަކީ ވެސް، ބަދަލުވާ އެއްޗެއްކަން ދަނެގެން ހާލަތު ބަދަލުކުރުމަށް މަސައްކަތްކޮށްކޮށް ތިބުމެވެ. އުންމީދު އާކޮށްގެން ނުގުޑާފަދަ ޢަޒުމެއްގެ މަތީގައި ދެމިތިބުމެވެ. މާޒީގެ ފިލާވަޅުތަކުން ޢިބުރަތް ލިބިގަނެގެން ތިބުމެވެ.


One Response
ތީ ވަރަ ރަގަޅުވާހަކައެ ވަރަ މައުލުމާތު ލިބިޖެއް ??