ޗައިނާއިން އުފަންވެ ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއާއި ގުޅިގެން ދުނިޔޭގެ އެތައް ގައުމަކަށް އޭގެ އަސަރުކުރާނެ ކަމަށް ލަފާކުރެވޭއިރު ރާއްޖޭގެ އިގްތިސޯދަށް ވައިރަހުގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރު ކުޑަކުރުމަށް ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ ރިކަވަރީ ޕެކޭޖެއް އިއުލާނުކޮށްފިއެވެ.
ކޮރޯނާ ވައިރަސްއާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑެތި ލޮޅުންތަކެއް އަންނާނެކަމަށް ދާއިރާގެ މާހިރުން ދަނީ ލަފާކުރަމުންނެވެ. އަދި ދުނިޔޭގެ މުއްސަނދި އެތައް ގައުމަކުންވެސް އެ އަސަރު ފެންނަން ފަށާފައިވާއިރު ރާއްޖެއިން އެއާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް ވަރުގަދަވާންޖެހޭކަން ބައެއް ވިޔަވާރިވެރިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ސަރުކާރުން ދަނީ މި ދަނޑިވަޅުގައި ހަރަދުކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް ވެސް އަޅުއްވަމުންނެވެ.
ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީ އަދި މަރުކަޒީ ބޭންކް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުން މިއަދު އިއުލާނުކުރި ޕެކޭޖަކީ މިއަދުގެ ހާލަތުގެ ސަަަބަބުން ރާއްޖޭގެ އިގުތިސާދަށް ދިމާވެފައިވާ އުނދަގޫތައް ހައްލުކުރަން ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށެވެ. އަމީރު ވިދާޅުވީ ޖުމްލަ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފްކުރުމަށް ނިންމާފައިވާއިރު އޭގެ ތެރޭގައި ވިޔަފާރިތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި، ވޯކިން ކެޕިޓަލް ހޯދޭނެ ފެސިލިޓީތަކެއް ބައެއް ބޭންކުތައް މެދުވެރިކޮށް ފޯރުކޮށްދިނުން ހިމެނޭ ކަމަށެވެ.
ލޯނު ދޫކުރާނެ އުސޫލަށް އަލިއަޅުއްވާލައްވާ އަމިރު ވިދާޅުވީ، ލޯނު ދޫކުރާނީ ވޯކިން ކެޕިޓަލްގެ މައްސަލަތައް ހައްލު ކުރުމަށް ކަމަށެވެ. އަދި މި ލޯނުތައް ދޫކުރުމުގެ މަގްސަދަކީ ވިޔަފާރީގެ ދާއިރާ ހީނަރުވުމާއި ގުޅިގެން ބައެއް ވަޒީފާތައް ގެއްލުމާއި، ޕްރައިވެޓް ސެކްޓާއަށް އަންނާނެ ލޮޅުންތައް ކުޑަކުރުން ކަމަށެވެ. އަދި ޕްރައިވެކްޓް ސެކްޓާގެ މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް އެ އޮންނަ ފުރުސަތު ލޯނުގެ ސަބަބުން ދަށްވެގެންދާނެކަމަށް އަމިރު ފާހަގަކުރެއްވިއެވެ.
ހަ މަސް ދުވަހުގެ ގްރެސް ޕީރިއަޑްއެއް އެކުލެވޭ މި ލޯނުތަކުގައި ހަ އިންސައްތަ އިންޓްރެސްޓު ހިމެނޭއިރު ލޯނު އަނބުރާ ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ލިބިގެންދާނެއެވެ.
ކޮރޯނާ ވައިރަސްއާއި ގުޅިގެން ބައެއް ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާ ގެއްލިގެން ހިނގައިދާނެކަމުގައި ބިރުވެސް ވަނީ ހީވެފައެވެ. އެހެން ނަމަވެސް އެފަދަ ކަމެއް ވިޔަނުދިނުމަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ލޯނުތައް ދޫކުރާއިރު އެއީ ހެޔޮ ގޮތުގައި ބޭނުންކުރާ ލޯނަކަށް ހެދުމާއި އެކު ކުންފުނީގެ މުވައްޒަފުން މަދު ނުކުރުމަށް ޝަރުތުކުރާނެ ކަމަށެވެ. އެހީތެރިކަން ލިބޭނީ އެކަމަށް އެއްބަސްވާ ވިޔަފާރިތަކަށްކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
”އިރާދަކުރެއްވިއްޔާ ހަ ވަރަކަށް ނުވަތަ އަށެއްކަ މަސް ތެރޭ އަޅުގަނޑުމެންގެ އިގްތިސޯދު ކުރިއެރުމަށް އޮތް ފުރުސަތު ބޮޑުކަމަށް. ސަރުކާރުން އިންޓަވެންޝަން އެއް މިހަދަނީ އެހާ ހިސާބަށް ދަންދެން ހުރި ދަތިތައް ފިލުވާލުމަށް،“ ފައްޔާޒް
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ބަދަލުތައް ގެނެސްފައިވަނީ ވިޔަފާރިންނާ މަޝްވަރާގެ މަތީން ކަމަށާއި މި ޕެކޭޖުގެ ސަބަބުން ވިޔަފާރި ކުރާ ފަރާތްތަކަށް ދައްޗެއް ނުވާނެ ކަމަށެވެ. އަދި އެ ފަރާތްތަކަށް ޓެކްސް ދެއްކުމުގައި ދަތިކަމެއް އަންނާނެކަމަށް ނުބެލެވޭކަމަށް ވިދާޅުވިއެވެ.

