ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް އާއި ދެކޮޅަށް ރާއްޖެއިންވެސް ފިޔަވަޅުތަކެއް އަޅަމުންދާއިރު ސަރުކާރުން ކަންކަން ފޮރުވަނީކަމަށާއި އަދި ދިވެއްސަކު ވައިރަހަށް ޕޮޒިޓިވެފައިވާކަަމަށް ބުނެ ވާހަކަ ދެއްކި ރާއްޖޭގެ މީޑިއާއެއްކަމަށްވާ ޗެނަލް 13 އިން ގެންނަ ”މަޑިސީލަ“ ޕްރޮގްރާމް ހުއްޓާލުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފިއެވެ.
ކޮރޯނާ ވައިރަހަށް ޝައްކުވާ ބަޔަކު ފެނި، ރާއްޖޭގެ ބައެއް ރިސޯޓުތަކުން 13 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވެފައެވެ. ސަރުކާރުން ރައްޔިތުންނަށް ކަންކަން އޮޅުވާލަމުން ގެންދާކަމަށް ބުނެ ޗެނަލް 13 އިން ދައްކަމުން ދިޔަ ވާހަކަތައް ހުއްޓުވުމަށް އާއްމުން އަޑުއުފުލާތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. ވައިރަހަށް ޕޮޒިޓިވް ވެ ދިވެއްސަކަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ބުނެ ”މަޑިސީލަ“ ޕްރޮގްރާމްގައި ހަގީގަތާ ހިލާފް ވާހަކަ ދައްކާފައި ވާތީ ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެ މައްސަލަ ބަލާފައެވެ. މި ވާހަކައާ ގުޅިގެން އެތައް ބަޔަކު ޗެނަލް 13 އަށް ފާޑު ކިޔައި، މައްސަލަ ބަލައި ފިޔަވަޅު އަޅަން ބްރޯޑްކާސްޓިން ކޮމިޝަނަށް ގޮވާލާފައިވެ އެވެ.
އެގޮތުން ޗެނަލް 13 ބްރޯޑްކާސްޓިން ކޮމިޝަނަށް ހާޒިރުކޮށް މައްސަލަ ބެލުމަށް ފަހު ކޮމިޝަނުން ނިންމާފައިވަނީ އެ ޕްރޮގްރާމްގައި ގެނެސްދިނީ މައުލޫމާތެއް ކަމަށް ބެލެވެން ނެތުމުން، މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހިލާފު އަމަލެއްގެ ގޮތުގައެވެ.
މި މައްސަލައާއި ގުޅޭގޮތުން ބްރޯޑްކޮމްއިން ބުނެފައިވަނީ ”ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމް“ ގެ 7 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން، ޗެނަލް 13 ގެ ޕްރޮގްރާމް ޝެޑިއުލްގައި ހިމެނޭ ”މަޑިސީލަ“ ޕްރޮގްރާމް، މިއަދުން ފެށިގެން ޢާންމު ސިއްޙަތުގެ ކުއްލި ނުރުއްކަލުގެ ހާލަތުގެ މުއްދަތަށް އުނިކުރުމަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ.

