މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ސްރީލަންކާ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، 20 މާރިޗު 2020 ވާ ހުކުރު ދުވަހުގެ ހަވީރު ސްރީލަންކާ ގަޑިން 18:00 އިން ފެށިގެން 23 މާރިޗު 2020 ވާ ހޯމަ ދުވަހުގެ ހެނދުނު ސްރީލަންކާ ގަޑިން 06:00 އަށް އެ ޤައުމުގެ ހުރިހާ ސަރަހައްދެއްގައި ކަރފިއު އެއް ހިންގަން ވަނީ ނިންމާފާފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ސްރީލަންކާގައި އުޅޭ ދިވެހުންގެ ސަމާލު ކަމަށް ބައެއްކަންކަން ގެނައުމުގެ ގޮތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސްރީލްނަކާއިން ކާފިއު ހިންގާ ދުވަސްތަކުގެ ތެރޭގައި ސްރީލަންކާގައި ދިރިއުޅޭ އަދި މިވަގުތު ތިބި ދިވެހިން މިކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް ދިވެހި ސަރުކާރުން ވަނީ އެދިފައެވެ.
ހަމައެހެންމެ ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެ ޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް ފޮރުން މިނިސްޓްރީން ވަނީ ގޮވާލާފައެވެ.

